ޓުއަރިޒަމް

ޖޫންމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު %7.8 އިތުރުވެއްޖެ


ހުސްވިއަހަރުގެ ޖޫންމަހާ އަޅާބަލާއިރު، މިއަހަރުގެ ޖޫންމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު %7.8 އިތުރުވެއްޖެއެވެ.

އެގޮތުން ޖޫންމަހު ހުރިހާ މާކެޓްތަކަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ ޖޫންމަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖޫންމަހު ރާއްޖެއަށް 85222 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ،ހުސްވި އަހަރުގެ ޖޫންމަހާ އަޅާބަލާއިރު %7.8 އިންސައްތައިގެ ކުރިއެރުމެކެވެ. މި ތަފާސްހިސާބުތަކަށް ބަލާލާއިރު، ޖޫންމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 79034 ފަތުރުވެރިންނެވެ.

ޖޫންމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، އޭޝިއާ ޕެޝިފިކްގެ ޤައުމުތަކުންނާއި، ޔޫރަޕް އަދި އެމެރިކާގެ ޤައުމުތަކުންނެވެ.

ޖޫންމަހު އޭޝިއާ ޕެޝިފިކްގެ ޤައުމުތަކުން، 48437 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޔޫރަޕްގެ ޤައުމުތަކުން މި މުއްދަތުގެ ތެރޭގައި ޒިޔާރަތްކޮށްފައިވަނީ 29194 ފަތުރުވެރިންނެވެ. އަދި އެމެރިކާގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 4104 ފަތުރުވެރިންނެވެ.

ޖޫންމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، ޗައިނާ، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އަދި އިންޑިއާއިންނެވެ. ޖޫންމަހު ޗައިނާއިން 24160 ފަތުރުވެރިން ޒިޔާރަތްކޮށްފަވާއިރު، ޖަރުމަންވިލާތުން 6885 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އިންޑިއާއިން 6919 ފަތުރުވެރިން ޒިޔާރަތްކޮށްފަވާއިރު، އިނގިރޭސިވިލާތުން 6081 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ޖޫންމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދަށް އެދެވޭފަދަ ކުރިއެރުމެއް ލިބިފައިވާއިރު، މިއަހަރުގެ ކުރިއަށް އޮތްތަނުގައި އިތުރު އެއަރލައިންތަކުން ގެންދަނީ ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި އިތުރު ރިސޯޓްތައް ހުޅުވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން މިއަހަރުގެ ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.