ރާއްޖޭގައި ހެލިކޮޕްޓަރގެ ޙިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ހުއްދަ ދިނުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
މިކަމަށްޓަކައި ރާއްޖެ ތައްޔާރުވެފައިވާ މިންވަރު ބަލާ، އެކަމާއި ގުޅޭގޮތުން ރާއްޖެއަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުމަށް އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އޮގަސްޓްމަހުގެ ހަޔަކުން ދިހައަކަށް އިނގިރޭސިވިލާތުގެ އެ ޓީމުން ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މައުލޫމާތުދެއެވެ. ރާއްޖޭގައި މީގެ ފަނަރަ ވަރަކަށް އަހަރު ކުރިން އާއްމު ފަރާތްތަކުން ހެލިކޮޕްޓަރގެ ޙިދުމަތްދީފައިވެއެވެ. ނަމަވެސް ނުރައްކާތެރި ދެ އެކްސިޓެންޓަކަށް ފަހު ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުން ވަނީ ހުއްޓާލާފައެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކުރާގޮތުގައި ރާއްޖޭގައި ހެލިކޮޕްޓަރގެ ހިދުމަތްދޭން ގިނަ އަދަދެއްގެ ފަރާތްތަކަކުން ޝައުގުވެރިކަން ފާޅުކުރަމުންދެއެވެ. ދުނިޔޭގެ އެހެން ފަތުރުވެރިންގެ މަންޒިލްތަކުގައިވެސް ހެލިކަޕްޓަރގެ ހިދުމަތަކީ ޑިމާންޑު ބޮޑު ހިދުމަތެކެވެ.