މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިއަދު މެންދުރުފަހު 13:00 އިން ހަވީރު 17:00 އާ ހަމައަށް ކ.އަތޮޅާއި މ.އަތޮޅާ ދެމެދުގެ ސަރަޙައްދަށް ޔެލޯ އެލާޓް ނެރެފައިވާކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި މިއަދު އެންމެ ބޮޑަށް މޫސުން ގޯސްވާނީ އުތުރާއި މެދުރާއްޖެތެރެއަށް ކަމަށާއި، މި ސަރަޙައްދުތަކަށް ދަގަ ވަޔާއިއެކު ބޯކޮށް ވާރޭ ވެހި، ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން މަޢުލޫމާތުދެއެވެ. މި ދެ ސަރަޙައްދަށް އެވްރެޖް ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ވައި ޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަ ވާނެކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެތީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މާދަމާ އެންމެ ބޮޑަށް ވިއްސާރަކުރާނެކަމަށް ލަފާކޮށްފައިވަނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށެވެ.
ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވުނުނަމަވެސް އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކަށް އާދައިގެކޮށް މޫސުން ރަނގަޅުވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރިއެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގުމޫސުމުގެ ވިއްސާރައެވެ. މޭ މަހުން ފެށިގެން ނޮވެމްބަރ މަހުގެ ނިޔަލަށް ދެމިގެންދާ ހުޅަނގު މޫސުމުގައި ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭ ވެހި، ވިއްސާރަ ކުރަމުންދާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ.