ޚަބަރު

ރާވެރިން ތަމްރީންކުރުމުގެ ޕްރޮގްރާމެއް އައްޑޫގައި ފަށަނީ


ރާވެރިކަން ދަސްކޮށްދިނުމަށް އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަމްރީން ޕޮރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މި ތަމްރީނު ޕްރޮގްރާމަކީ އެ މިނިސްޓްރީއިން ހިންގާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ މެކްސް އާއި ހަވާލުކޮށް ހިންގާ ތަމްރީނު ޕްރޮގްރާމެއްކަމަށެވެ.

ސީ.ސީ.އޭ.ޕީ އަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން މެނޭޖްކޮށްގެން އައްޑޫ އަދި ފުވައްމުލަކުގައި ހިންގާ މަޝްރޫޢުއެކެވެ. އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރާވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި ރާވެރިކަން ދަސްކުރުމަށް ޝަޢުގުވެރިކަން ހުރި އަދި އެމަސައްކަތުން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް އެކަންތައް ކުރާނެ ގޮތްތައް ކިޔައިދޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރެއެވެ.

ހިލޭ ބައިވެރިވެވޭ މި ޕްރޮގްރާމުގައި ކިޔެވުމަށް ބޭނުންވާ އާލާތްތައް،  ޕްރޮގްރާމް އިންތިޒާމު ކުރާފަރާތުން ފޯރުކޮށްދޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

މިކޯހުގައި ގިނަވެގެން ބައިވެރިކުރުމަށް ނިންމާފައިވަނީ 10 ފަރާތެވެ. އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މިކޯހުގައި ބައިވެރިވެލައްވަން ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މިމަހުގެ ތިރީސްވަނަ ދުވަހުގެ މެންދުރުފަހު ދޭއް ޖެހުމުގެ ކުރިން އައްޑޫ ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް ސިޓީ ކައުންސިލް އިދާރާ އާއި ހަވާލު ކުރަން ޖެހެއެވެ.