ޚަބަރު

އޭ.އައި.ބީ.ޑީގެ، އަހަރީ ބައްދަލުވުން ރާއްޖޭގައި ބާއްވަނީ


އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބޮރޯޑްކާސްޓިންގް ޑިވެލޮޕްމެންޓް އޭ.އައި.ބީ.ޑީ ގެ، އަހަރީ ބައްދަލުވުން އަންނަ ހަފުތާގައި ރާއްޖޭގައި ބާއްވާނެއެވެ. މިބައްދަލުވުން އިންތިޒާމްކުރަނީ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމުންނެވެ. މިއީ ރާއްޖޭގައި އޭއައިބިޑީގެ އަހަރީ ޢާއްމު ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރުއެވެ.

ބްރޯޑްކާސްޓިންގ ދާއިރާގެ ބައިނަލްއަޤްވާމީ މި ބައްދަލުވުމާ ގުޅޭގޮތުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، މިފަދަ ކޮންފަރެންސްތަކުގެ ސަބަބުން ދިވެހިރާއްޖެ، ބައިނަލްއަޤްވާމީ މީޑިއާގައި ވަރަށް ބޮޑަށް އިޝްތިހާރުވެގެން ދާނެކަމަށާއި، ދިވެހިންގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

އޭ.އައި.ބީ.ޑީ އަކީ އެކި ޤަވާޢިދުތަކާއި، ސްޓްރެޓަޖިކް އެކްޝަން ޕްލޭން އެކުލަވާލުމާއި، ވަޞީލަތް ޤާއިމްކުރުމުގެ ތެރެއިން މެމްބަރު ޤައުމުތަކުގެ އިލެކްޓޮރޯނިކް މީޑިއާ ކުރިއެރުވުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ ފުރިހަމަ މެމްބަރުންގެ ގޮތުގައި 26 ޤައުމު ހިމެނެއެވެ. ރާއްޖެއަކީވެސް އޭއައިބީޑީގެ ފުރިހަމަ މެންބަރެކެވެ. އެ ޖަމްޢިއްޔާ މެދުވެރިކޮށް ރާއްޖެއަށް ތަމްރީނާއި ފަންނީ އެކިއެކި ފުރުޞަތުތައް ރާއްޖެއަށް އަންނަނީ ލިބެމުންނެވެ.

މިމަހުގެ 21 ން 23 އަށް ބަނޑޮސް މޯލްޑިވްސްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އޭ.އައި.ބީ.ޑީ ގެ 43 ވަނަ އަހަރީ ބައްދަލުވުމުގެ އިތުރުން އެޖަމްޢިއްޔާގެ 16 ވަނަ ޢާއްމު ކޮންފަރެންސާއި އިތުރު ފަންނީ ބައްދަލުވުންތަކެއްވެސް ކުރިއަށްދާނެއެވެ.

ޕީއެސްއެމްއިން ދުނިޔޭގެ އެކި ޤައުމުތަކުގެ މީޑިއާ އޯގަނައިޒޭޝަންތައް ހިމެނޭގޮތަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި މިއަހަރުތެރޭގައި ބާއްވާ މީ މިފަދަ ދެވަނަ ބައްދަލުވުމެވެ.

އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އޭ.ވީ.އެން ކޯޑިނޭޓަރސް މީޓިންގްވެސް މިއަހަރުގެ މާޗް މަހުގެތެރޭގައި ޕީއެސްއެމުން ބާއްވާފައިވެއެވެ. އެބައްދަލުވުމަށްފަހު އޭޝިއާ ސަރަޙައްދުގެ ބްރޯޑްކާސްޓިންގް ނިއުސްއާގުޅޭ ފަރާތްތަކަށް ރާއްޖޭއާބެހޭ ގިނަ މަޢުލޫމާތުތަކެއް ދެވިފައިވާކަން ޝާޔަން ފާހަގަކުރެއްވިއެވެ.

މިއީ ޕީއެސްއެމް އުފެދުނުފަހުން ރާއްޖޭގައި މި ކުންފުނީގެ އިސްނެގުމަށް މިފަދަ ގިނަ ޙަރަކާތްތައް އަންނަނީ އިންތިޒާމްކުރަމުންނެވެ. މިކަންކަމުގެ އެންމެ ބޮޑު އެއް އަމާޒަކީ ދިވެހިރާއްޖޭގެ ތަޞައްވުރެ ދުނިޔޭގައި ރަނގަޅުކުރުމާއި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގައި އިތުރަށް އިޝްތިހާރުކޮށް، އެކަމުން ދިވެހި ރައްޔިތުންނަށް ލިބޭ މަންފާ އިތުރުކުރުމެވެ.