ހުޅުމާލޭގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމްލަ ޢަދަދު 1.5 ބިލިއަން ޑޮލަރަށްވުރެ، އިތުރު ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލޭގައި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް ގެ ޕެޓްރޯލް ޝެޑް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ހުޅުމާލޭގައި ހުޅުވާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމް އީޒީ ފިލްގެ ޕެޓްރޯލް ޝެޑުން މާލެއާއި އެއްއަގެއްގައި ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެފްއެސްއެމްގެ ހުޅުމާލޭ ޕެޓްރޯލް ޝެޑް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޝެޑް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދުއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ ރާއްޖެއަށް އަންނަމުންދާ އިޤްތިސާދީ ބޮޑެތި ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން ހުޅުމާލޭގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޖުމްލަ ޢަދަދު އެކެއް ޕޮއިންޓް ފަހެއް ބިލިއަން ޑޮލަރަށް އަރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މާލެ ސަރަހައްދުގައި ކުރިއަށްދާ ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަކީ ގިނަ ބަޔަކު ނުކުރެވޭނެކަމަށް ކުރިން ޤަބޫލްކުރި މަޝްރޫއުތަކެއް ކަމަށެވެ. އަދި މި މަޝްރޫއުތައް ކުރިއަށްދަނީ ރައްޔިތުން ސަރުކާރަށް ދެމުންދާ ސަޕޯޓާއެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ އެފްއެސްއެމްގެ ހުޅުމާލެ ޕެޓްރޯލް ޝެޑުން ޕެޓްރޯލް ގަންނަނަން ލިބޭއަގު ހުޅުމާލެއިން މިހާތަކަށް ޕެޓްރޯލް ލިބޭ އަގަށްވުރެ ވިހި އިންސައްތަ ހެޔޮވާނެ ކަމަށެވެ. އަދި މި އަގުހެޔޮ ވުމާއި އެކު ހުޅުމާލޭގައި ތެޔޮ ބޭނުންކޮށްގެން ޚިދުމަތްދޭ ފަރާތްތަކުން ދޭ ޚިދުމަތްތަކުގެ އަގުތައް ހެޔޮ ކުރާނެ ކަމަށް އުއްމީދު ކުރައްވާނެ ކަމަށް ޝަހީރު ވިދާޅުވިއެވެ.
އެފްއެސްއެމްގެ ހުޅުމާލެ ޕެޓްރޯލް ޝެޑު ހުޅުވާފައިވަނީ ހުޅުމާލެ ފެރީ ޓަރމިނަލް ކައިރީގައެވެ.