ހުސްވި އަހަރުގެ ފުރަތަމަ ހަމަސްދުވަހާ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ އެ މުއްދަތުގައި އެމެރިކާއިން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ޢަދަދު އިތުރުވެއްޖެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު އެމެރިކާއިން އަށާރަހާސް ދުއިސައްތަ ނުވަދިހަ ފަސް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވޭ، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސްދުވަހު އެމެރިކާއިން ރާއްޖެއައި ފަތުރުވެރިންނަށްވުރެ ނަވާރަ އިންސައްތަ އިތުރު އަދަދެކެވެ. އެމެރިކާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަޤްބޫލުކަން އިތުރުވަމުންދާ ކަމަށް އެޤައުމުގެ ޓްރެވަލް އެޖެންޓުންވެސް ބުނެއެވެ. އެގޮތުން މިއަހަރުގެ ހޫނު މޫސުމުގައި އެންމެ ޑިމާންޑު ބޮޑު މަންޒިލްތަކުގެ ލިސްޓުގައި ރާއްޖެ ހިމެނޭ ކަމަށް އެފަރާތްތަކުން ބުނޭ.އެމެރިކަން އެކްސްޕްރެސް ޓްރެވަލް އެޖެންސީއިން ހާމަކުރާ ގޮތުގައި މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު ރާއްޖެއަށް އޮތް ޑިމާންޑު ވަނީ ސަތޭކަ ސަތާރަ އިންސައްތަ އިތުރު ވެފައެވެ. އެމެރިކަން އެކްސްޕްރެސްއުން ހާމަކުރާގޮތުގައި ޤައުމުން ބޭރަށް ޗުއްޓީ ހޭދަ ކުރަންދާ އެމެރިކާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ހޫނު މޫސުމުގައި ޗުއްޓީ ހޭދަކުރުމަށް ޤައުމުން ބޭރަށްދާ އެމެރިކާ މީހުންގެ އަދަދު ވަނީ ސައްބީސް އިންސައްތަ އިތުރުވެފައި ކަމަށް އެ ފަރާތުން ހާމަކުރެއެވެ.