60 ހަށްވުރެ ގިނަ ދިވެހި އުފެއްދުންތަކާއި އެކު އެސްޓީއޯ ސްޕަރމާޓުގައި ދިވެހި އުފެއްދުންތަކަށް ޚާއްސަ ކޯނަރއެއް ހުޅުވައިފިއެވެ.
ދިވެހިވަންތަ ގޮތަކަށް ފަރުމާކޮށްފައިވާ މި ކޯރނަރގައި ތަފާތު އުފެއްދުންތައް ލިބެން ހުރި އިރު އެތަނުގައި ވިއްކަން ބެހެއްޓުމަށްޓަކައި މިހާތަނަށް 32 ފަރާތަކުން އެސްޓީއޯގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.
ދިވެހި އުފެއްދުންތަކަށް ޙާއްސަ ކޯރނަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ އެސްޓީއޯއިން އަބަދުވެސް މަސައްކަތްކުރަނީ އަމިއްލަ ވިޔަފާރިވެރިންނާއި ގުޅިގެން މަސައްކަތްކުރުމަށް ކަމަށެވެ. އެގޮތުން އެސްޓީއޯ ސްޕަރ މާކެޓަކީ ގިނަ އަދަދަކަށް ފަތުރުވެރިންވެސް ޒިޔާރަތްކުރާ ފިހާރަޔަކަށްވާއިރު، އެތަނުގައި ދިވެހި އުފެއްދުންތަކަށް ޙާއްސަ ކޯނަރއެއް ހުޅުވިގެންދިޔުމުން އޭގެ ފައިދާ ގިނަ ފަރާތްތަކަކަށް ކުރާނެ ކަމަށެވެ.
ދިވެހި އުފެއްދުންތަކަށް ޚާއްސަ ކޯނަރއާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެމުން އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތުމަތު އާޝާން ވިދާޅުވީ ދިވެހި އުފެއްދުންތަކަށް ޚާއްސަ ކޯނަރގެ ރެކުތަކުގައި އުފެއްދުންތައް ޑިސްޕްލޭ ކުރުމުގައި ޚާއްސަ އުސޫލުތަކެއް ގެންގުޅޭނެ ކަމަށެވެ.
ދިވެހި އުފެއްދުންތަކަށް ޙާއްސަ ކޯނަރގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އުފައްދާ ކާބޯތަކެތީގެ އުފެއްދުންތައް މިހާރުވެސް ލިބެން ހުރި އިރު، އިތުރު އުފެއްދުންތައް އެތަނުގައި ވިއްކުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ ސްޕަރމާޓަކީ އެއްތަނަކުން ހެޔޮއަގެއްގައި ގިނަ ބާވަތްތަކުގެ މުދާ ލިބޭ އާއްމުންގެ ގިނަ ބަޔަކު ވިޔަފާރިކުރާ ފިހާރައެކެވެ.