ކުޅިވަރު

ކުޑަހުވަދޫގެ މައްޗަށް ތިނަދޫ ކުރި ހޯދައިފި


ދިވެހި ޕްރިމިއަރ ލީގުގައި ކުޑަހުވަދޫގެ މައްޗަށް ތިނަދޫން ކުރި ހޯދައިފިއެވެ. އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޑަހުވަދޫގެ މައްޗަށް ތިނަދޫ ކުރި ހޯދީ ދޭއް ސުމަކުންނެވެ. 

މެޗުގައި ގިނަ ހަމަލާތައް އުފެއްދި ތިނަދޫ ޓީމުން މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 31 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މިޑްފިލްޑަރ އިމްރާން ނަޝީދެވެ. ތިނަދޫ ޓީމުގެ ދެވަނަ ލަނޑު މެޗުގެ  86 ވަނަ މިނެޓުގައި ޖަހައިދިނީ ޑިފެންޑަރ ސައިސީޑޯއެވެ. ސައިސީޑޯ މިލަނޑު ޖެހީ ރިޒުވާން ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. 

މިއަދުގެ މެޗަކީ ގައުމީ ޓީމް އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާއި ދެކޮޅަށް ކުޅުނު މެޗަށް ލީގު މެދުކަނޑާލުމަށްފަހު ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ތިނަދޫ އޮތީ ލީގު ތާވަލްގެ ފަސްވަނައިގައެވެ. މެޗުން ބަލިވި ކުޑަހުވަދޫ އޮތީ ތާވަލްގެ ފުލުގައެވެ. އެޓީމަށް ކުޅުނު ފަސް މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. 

މެޗަށްފަހު ތިނަދޫ ކޯޗު ބުނީ މެޗަކަށްވުރެ މެޗެއް ތިނަދޫ ޓީމުން ކުޅުން ރަނގަޅު ކުރަމުން އަންނަ ކަމަށެވެ. ބޭނުންވާގޮތަށް ޓީމް ކުޅެމުން އަންނަ ކަމަށާއި، އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރިކަމަށް ކޯޗު މާޓިނޭޒް ބުންޏެވެ. 

ކުޑަހުވަދޫ ޓީމްގެ ކޯޗު މުޙައްމަދު ޝިޔާޒު ބުނީ މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން ކަމަށާއި، އެކަން ނުވުމުން ހިތްހަމަ ނުޖެހޭކަމަށެވެ. ނަމަވެސް މެޗުގެ ކުރިން އުނދަގޫ ކަންތައްތަކެއް ކުރިމަތިވި ކަމަށާއި، ފްލައިޓް ލަސްވުމުން މެޗަށް އާދެވުނީވެސް ކިރިޔާކަމަށް މޯހަން ބުންޏެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ށ.މިލަންދޫއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.