ވޯލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސްގެ ދެވަނަ އެޑިޝަން އަންނަ އަހަރުގެ އޭޕްރީލްމަހު ބޭއްވުމަށް ނިންމައިފިއެވެ.
އަންނަ އަހަރުގެ އޭޕްރީލްމަހު ވޯލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވާ ކަން އިޢުލާންކޮށްފައިވަނީ އަދާރަން ސިލެކްޓް ހުދުރަން ފުށީގައި ބޭއްވި ވޯލްޑް ޓްރެވަލް ރައިޓަރސް ގާލާ ނައިޓްގައެވެ. ޓްރެވަލް ރައިޓާސް ކޮންފަރެންސް ދެހާސް އަށާރަ ލޯންޗްކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ.
ވޯލްޑް ޓްރެވަލް ރައިޓާޒް ކޮންފަރެންސްގެ ފުރަތަމަ އެޑިޝަން ބާއްވާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ބަނޑޮސް އައިލެންޑް ރިޒޯޓްގައެވެ. ރާއްޖޭގެ ފުރަތަމަ އިންޓަރނޭޝަނަލް ޓީވީ ޗެނަލް، މޯލްޑިވްސް ޓީވީން އިންތިޒާމްކޮށްގެން، ބޭއްވި މިކޮންފަރެންސްގައި ދުނިޔޭގެ 10 ޤައުމަކުން 19 ބައިވެރިން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި ސޯޝަލް މީޑިޔާއާއި އިންޓަރނެޓްގެ އެކި ޕްލެޓްފޯމްތަކާއި، ބައިނަލްއަޤްވާމީ މީޑިއާތަކުގައި ހަރަކާތްތެރިވާ ނަންމަޝްހޫރު ލިއުންތެރިންނާ، ބޮލްގަރުންގެ އިތުރުން ފޮޓޯގްރާފަރުންވެސް ހިމެނެއެވެ.
ޓްރެވަލް ރައިޓަރސް ކޮންފަރެންސްގެ ކާމިޔާބީ ފާހަގަކުރުމަށް ވަނީ އަދާރަން ހުދުރަންފުށީގައި ޓްރެވަލް ރައިޓާޒް ކޮންފަރެންސްގެ ގާލާ ނައިޓެއް ބާއްވާފައެވެ. މި ހަފްލާއަކީ ކޮންފަރެންސްގެ ބައިވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްކާއި އެއް މާހާއުލަކުން ބައްދަލުކޮށް، ޚިޔާލް ބަދަލުކުރުމުގެ މަގު ފަހިކުރުމުގެ މަޤްޞަދުގައި ބޭއްވި ހަފްލާއެކެވެ. މި ހަފްލާގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވަނީ ޓްރެވަލް ރައިޓާސް ކޮންފަރެންސް ދެހާސް އަށާރަ ލޯންޗްކޮށްދެއްވާފައެވެ. އަންނަ އަހަރުގެ ޓްރެވަލް ރައިޓަރސް ކޮންފަރެންސް، މިއަހަރުގެ ކޮންފަރެންސަށްވުރެ ގިނަ ބައިވެރިންނާއެކު ބޭއްވުމަށް ޕީއެސްއެމުން ވަނީ ނިންމާފައެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑިރެކްޓަރ މާރކެޓިންގް އެންޑް އީކޮމާސް، އިބްރާހިމް ނަސްރީން ވިދާޅުވީ އަންނަ އަހަރުގެ ވޯލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސްގައި މިއަހަރަށްވުރެ ގިނަ ޓްރެވަލް ރައިޓަރުންނާއި، ފޮޓޯގްރާފަރުންނާއި ބްލޮގަރުން ބައިވެރިވާނެ ކަމަށެވެ.
ގާލާ ނައިޓްގައި، މި ކޮންފަރެންސް ބޭއްވުމުގައި މޯލްޑިވްސް ޓީވީއަށް ޕާރނަރުންގެ ގޮތުގައި އާއި ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވި ފަރާތްތަކާއި، ކޮންފަރެންސްގެ ބައިވެރިންނަށް ޝުކުރުއަދާކުރުމުގެ ގޮތުން ޚާއްސަ އެވޯޑްތަކެއްވެސްދީފައިވެއެވެ.
ވޯލްޑް ޓްރެވަލް ރައިޓާޒް ކޮންފަރެންސް ބޭއްވުމުގެ މަޤްޞަދަކީ، ޒަމާނީ ޓެކްނޮލޮޖީގެ މި ޒަމާނުގައި އިންޓަރނެޓް ޒަރިއްޔާއިން ސޯޝަލް މީޑިޔާއާއި ލިއުންތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފުންނާބުއުސް ފަރާތައް މެދުވެރިކޮށް ދިވެހި ރާއްޖެއަކީ މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރުމަށް މަޤްފަހި ކުރުމެވެ.