ކުޅިވަރު

ކުޑަހުވަދޫ މެޗު ނުކުޅެން ނިންމުމުން، މިލަންދުއަށް 3 ޕޮއިންޓް!


މިލަންދޫއާއި ކުޑަހުވަދޫ ވާދަކުރި މެޗުގެ ފަހު ފަނަރަމިނެޓު ކުޅެން ކުޑަހުވަދޫ ދެކޮޅު ހެދުމުން މިލަންދޫ މޮޅުވިކަމަށް ނިންމައިފިއެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ށ.މިލަންދޫއާއި ދ.ކުޑަހުވަދޫ ވާދަކުރި މެޗުފުރިހަމަ ނުކުރަން ކުޑަހުވަދޫން ނިންމީ މެޗުގެ 75ވަނަ މިނެޓުގައިއެވެ. އޭރު މިލަންދޫންވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ. މިލަންދޫގެ ފުރަތަމަ ލަނޑު ޖެހީ އިޝާން އިބްރާހިމް (ސައްޓު)އެވެ. އަދި ދެވަނަ ލަނޑު ޖަހައިދިނީ އިބްރާހިމް ޝިޔާމެވެ. 

މިލަންދޫގެ ދެވަނަ ލަނޑު ޖެހުމުގެކުރިން ކުޑަހުވަދޫގެ ކްރިސްޓިއަށް މިލަންދޫގެ އަހުމަދު ހަސަން ފައުލް ކުރިކަމަށްބުނެ ކުޑަހުވަދޫގެ ބެންޗުންވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސާފައެވެ. އަދި ލަނޑަށްފަހު ކުޅުން ފެށުމުގެ ކުރިން ކުޑަހުވަދޫގެ ބެންޗުންވަނީ މެޗު ނުކުޅެން ނިންމައި ކުޅުންތެރިން ދަނޑުން ފޭބުމަށް ބުނެފައެވެ. 

img:http://s2.psmnews.mv/images/660x400/15061052029399.jpg|

ކުޑަހުވަދޫގެ ކޯޗުމުޙައްމަދު ޝިޔާޒް (މޯހަން)ގެ އިތުރުން ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުންމެޗުގެ އެކި ހިސާބުތަކުގައި މެޗުގައި އޮފިޝަލްކަންކުރި އިންޑިޔާގެ ރެފްރީ ކިޝަން ޖޯޝީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. މެޗު ނުކުޅެން ހުރިހާ ކުޅުންތެރިން ދަނޑުން ފޭބިއިރުވެސް ރެފްރީގެ ނިންމުންތައް ގޯސްކަމަށްބުނެ ކުޑަހުވަދޫގެ ބެންޗުން އައީ މައްސަލަ ޖައްސަމުންނެވެ. 

img:http://s2.psmnews.mv/images/660x400/15061052225056.jpg|

މެޗު ކޮމިޝަނަރާއި، އެފްއޭއެމްގެ އޮފިޝަލުންނާއިއެކު ކުރިމަޝްވަރާތަކަށްފަހުވެސް ކުޑަހުވަދޫ ޓީމުން މެޗު ނުކުޅެން ނިންމުމުން މެޗުން މިލަންދޫ މޮޅުވީކަމަށްވަނީ ނިންމާފައެވެ. 

މިއީ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަހަރު ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނު ދެވަނަ މެޗެވެ. މީގެ ކުރިން ލީގުގައި މާޒިޔާ އަދި ގްރީން ސްޓްރީޓްސް ވާދަކުރި މެޗު ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނުއިރު އެ މެޗުވެސް ހޫނުވީ ރެފްރީގެ ނިންމުންތަކުގެ ސަބަބުންނެވެ. 

އޭގެ ފަހުން އެފްއޭއެމުންވަނީ އިންޑިޔާގެ ރެފްރީންތަކެއް ލީގުގެ ފުރަތަމަ ބުރުގެ މެޗުތަކަށް ގެނެސްފައެވެ. އެކަމަކު އިންޑީޔާގެ ރެފްރީންގެ ފެންވަރު ދަށްކަމަށް ބުނެ ލީގުގައި ޓީމްތަކުންވަނީ އެންމެ ފަހުން ކުޅުނު މެޗުތަކުގައިވެސް ފާހަގަކޮށްފައެވެ.