ތަރައްްޤީ

ގެޓްސެޓް ލޯން ލިބޭ ފަރާތްތައް އަންނަ ހަފްތާގައި އިޢުލާން ކުރަނީ


ޒުވާން ވިޔަފާރިވެރިން އުފެއްދެވުމަށް ސަރުކާރުން ފަށްޓަވާފައިވާ ގެޓްސެޓް ލޯނު ޕްރޮގްރާމުގެ 2 ވަނަ ބުރަށް ހޮވުނު ފަރާތްތައް އަންނަ ހަފްތާތެރޭ އިޢުލާން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަހަރުގެ ގެޓްސެޓް ޕްރޮގްރާމަކީ ޖުމްލަ 25 މިލިއަން ރުފިޔާގެ ލޯން ޕްރޮގްރާމެކެވެ. މި ލޯން ޕްރޮގްރާމުގެ ބައިވެރިންނަށް ތިންސަތޭކަ ހާހާއި އަށްސަތޭކަ ހާސް ރުފިޔާއާއި ދެމެދުގެ ލޯނުތައް ދޫކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރުގެ ނާއިބު އާދަމް ތައުފީޤު ވިދާޅުވީ ގެޓް ސެޓް ލޯން ސްކީމަށް ފަސްސަތޭކަ ތިރީސް ފަރާތަކުން ކުރިމަތިލާފައިވާއިރު، ހުށަހަޅާފައިވާ ފޯމްތަށް އިވެލުއޭޓުކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

ގެޓްސެޓު ލޯން ޕްރޮގްރާމްގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައިވަނީ 2015 ވަނަ އަހަރުގައެވެ. އެބުރުގައި 72 ޒުވާނުންނަށް ލޯނު ދޫކޮށްފައިވެއެވެ. ގެޓްސެޓް ލޯނުގެ ފުރަތަމަ ބުރަށް 500 އަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ އިރު، ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ޝޯޓް ލިސްޓް ކޮށްފައިވަނީ 285 ފަރާތެކެވެ.

ގެޓްސެޓް ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.