ވިޔަފާރި

"ތެލުގެ އަގުބޮޑުވާ ކޮންމެފަހަރަކު އެސްޓީއޯއިން އަގުބޮޑެއްނުކުރޭ"


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާ ކޮންމެ ފަހަރަކު އެސްޓީއޯއިން ރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޮޑު ނުކުރާ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑު ކުރުމާއި ގުޅޭގޮތުން އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާ ނިސްބަތަށް ބަލާއިރު އެސްޓީއޯއިން ތެޔޮ ވިއްކާ އަގަށް ގެންނަނީ ކުޑަ ބަދަލެއް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން އެސްޓީއޯއިންވަނީ ތެލުގެ އަގަށް ބަދަލު ގެނެސްފައެވެ. އެގޮތުން ޑީސަލް ލީޓަރަކުން 53 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 57 ލާރި ވަނީ ބޮޑުކޮށްފައެވެ. މި އައި ބަދަލާއި އެކު މިހާރު ޑީސަލް ލީޓަރެއް ގަންނަން ލިބޭނީ 9.17 ރުފިޔާއަށެވެ. ޕެޓްރޯލް ލީޓަރެއް ގަންނަށް ލިބޭނީ 9.52 ރުފިޔާއަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށްއައި ބަދަލާ ގުޅިގެން އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު މިދިޔަ މަހުވެސް ބޮޑުކޮށްފައިވެއެވެ.

މިފަހަރު ތެލުގެ އަގަށް ގެނައި ބަދަލާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ ރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ ޤައުމަކަށްވުމުން ރާއްޖެއަށް ޑިސްކައުންޓް ރޭޓްތަކުގައި ތެޔޮ ގަތުމަށް ދަތިވާ ކަމަށެވެ. އަދި ރާއްޖެއާ ހަމައަށް ތެޔޮ ގެނައުމުގައިވެސް ބޮޑެތި ޚަރަދުތައް ހިނގާ ކަމަށް ޝަހީރު ވިދާޅުވިއެވެ.

މި ސަރަހައްދުގެ އެހެން ޤައުމުތަކުގައި ތެޔޮ ކިއްވާ އަގާ އަޅާ ބަލާއިރު ރާއްޖޭގައި ތެޔޮ ވިއްކާ އަގު ހެޔޮކަން ފާހަގަކުރަމުން ޝަހީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާ ނިސްބަތަށް ބަލާއިރު އެސްޓީއޯއިން ތެޔޮ ވިއްކާ އަގަށް އަބަދުވެސް ގެންނަނީ ކުޑަ ބަދަލެއް ކަމަށެވެ.

އެސްޓީއޯއިން ތެލުގެ އަގަށް ބަދަލުގެނެސްފައިވާއިރު، ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ޑިއުޓީ %10 އިން %5 އަށް ކުޑަކުރުމާ ގުޅިގެން މިދިޔަ ޖޫންމަހު ތެލުގެ އަގު ހެޔޮކޮށްފައިވާކަން ފާހަގަކުރެވެއެވެ.