ޚަބަރު

މުދަލު ޒަކާތް މާދަމާ ބަހަން ފަށާނެ- އިސްލާމިކް މިނިސްޓްރީ


މިއަހަރުގެ މުދަލު ޒަކާތް، މާދަމާ ބަހަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މުދަލު ޒަކާތް ބެއްހުންއޮންނާނީ މާދަމާ ހެނދުނު 9:00 އިން މެންދުރުފަހު 3:00އަށް އިސްލާމީ މަރުކަޒުގައިކަމަށެވެ.

މިއަހަރު ކޮންމެ ފަޤީރަކަށް 900 ރުފިޔާ ބެހުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިނިސްޓްރީން ވިދާޅުވީ، މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާދަމާއިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހާ ހަމަޔަށް މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މާދަމާއިން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުންވެސް މުދަލު ޒަކާތް ބަހާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ޒަކާތާއި ހައްޖު ސެކްޝަންގެ ކޯޑިނޭޓަރ ހިޝާމް އަޙުމަދު ވިދާޅުވީ އައްޑޫ ސިޓީއާއި، ފުވައްމުލައް އަދި ގދ.ތިނަދޫއަށް ޒަކާތް ބެހުމުމަށް މިނިސްޓްރީގެ ޓީމެއް އެ ރަށްތަކަށް ދާނެކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މުދަލު ޒަކާތް މި ފަހަރު ބަހަމުން ގެންދާނީ ފިތުރު ޒަކާތް ބެހުމަށް އެކުލަވާލި ލިސްޓާ އެއްގޮތަށް ކަމަށެވެ. އެގޮތުން  މިއަހަރު ފަގީރުންގެ ގޮތުގައި 16229 މީހުން ލިސްޓް ކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އޭގެތެރޭގައި މާލެއިން 3138 މީހުންނާއި، އަތޮޅުތަކުން 13091 މީހުން ފަގީރުންގެ ލިސްޓްގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.

މިދިޔަ އަހަރު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ބޮލަކަށްވެސް ވަނީ 900 ރުފިޔާ ބަހާފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު މުދަލު ޒަކާތް ބެހުން ލަސްވެގެން ދިޔައީ ފަގީރުންގެ ލިސްޓް އެކުލަވާލުމަށް ދިމާވި ދަތިތަކުންކަމަށެވެ. އެހެންނަމަވެސް މުސްތަގުބަލުގައި މިކަންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށްއެމިނިސްޓްރީން ބުނެއެވެ.