ކުޅިވަރު

"ނިއުއަކީ ފުޓްބޯޅައިގެ ރަސްގެފާނު،ނިކުންނަނީ ފަޚުރު ދަމަހައްޓަން"


ނިއުރޭޑިއަންޓަކީ ފުޓްބޯޅައިގެ ރަސްގެފާނުކަމަށާއި، ގްރީން ސްޓްރީޓްސް މެޗަށް ނިކުންނަނީ އެކަން ދަމަހައްޓަންކަމަށް ނިއުރޭޑިއަންޓްގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ ބުނެފިއެވެ. 

ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައިގައި އޮތް ނިއުރޭޑިއަންޓް މާދަމާރޭ ނިކުންނާނީ ގްރީން ސްޓްރީޓްސްއާއި ދެކޮޅަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ނިއުރޭޑިއަންޓްގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނީ މެޗާއި ގުޅޭ ގޮތުންވެސް އަދި ޓީމުގެ ތައްޔާރީތަކާއި ގުޅޭގޮތުން ބުނާނެ އެއްޗެއް ނެތްކަމަށައި، ހަމައެކަނި މެސެޖަކީ ނިއުއަކީ ފުޓްބޯޅައިގެ ރަސްގެފާނުކަމަށެވެ. ތަކުރާރުކޮށް ނޫސްވެރިން އެކި ސުވާލުކުރުމުންވެސް ސަމްޕަތުވަނީ އިތުރު ކޮމެންޓެއްކުރަން އިންކާރުކޮށްފައެވެ.

"އެންމެންނަށްވެސް އިނގޭ ގޮތަށް ނިއުރޭޑިއަންޓަކީ ފުޓްބޯޅައިގެ ރަސްގެފާނު، ﷲގެ ރަޙްމަތްފުޅާއިއެކު އެކަން ދަމަހައްޓަން މި ނިކުންނަނީ، މެޗާއި ގުޅޭ ގޮތުން ބުނާނެ އިތުރު އެއްޗެއް ނެތް" ސަމްޕަތު ބުންޏެވެ. 

ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުޙައްމަދު ބުނީ މާޅޮސް އަތުން ބަލިވުމަކީ ލަދުވެތި ނަތީޖާއެއްކަމަށާއި، އެ ނަތީޖާ ހަޖަމްކުރަންވެސް އުނދަގޫކަމަށެވެ. އެކަމަކު އެއީ މިހާރު މާޒީކަމަށާއި، ޓީމް ހަމައަކަށް އަޅުވައި ނިއު މެޗުން ރަނގަޅު ނަތީޖާއެއް ނެރެންޖެހޭކަމަށް އޭނާ ބުންޏެވެ.

ގަދަ ހަތަރެއްގެ ވާހަކަދެއްކުން އަދި މާ އަވަސްކަމަށައި، ގްރީނުގެ އަމާޒަށް ވާސިލްވެވެނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ސޮބާ ފާހަގަކުރިއެވެ. 

"ނިއުރޭޑިއަންޓް މެޗަކީ ހުރިހާ ގޮތަކުންވެސް އުނދަގޫ މެޗެއް، މަދުވެގެން ޕޮއިންޓެއް ހޯދުން އަމާޒަކީ، މާޒީއަށް ބަލަންޏާ ބައިވަރު ކިންގުން ތިބޭނެހެން ހީވަނީ، މުޅި ސީޒަން ނިންމާލާފަ ބަލަމާ ކޮންބައެއްކަން ކިންގަކީ" ސޮބާ ބުންޏެވެ.