ކުޅިވަރު

މިލަންދޫއާއި ދެކޮޅަށް މާޅޮސް ނިކުންނަނީ ރަނގަޅު ރޫޙެއްގައި - ކޯޗު


ގްރީން ސްޓްރީޓްސް އަތުން ހޯދި މޮޅުގެ ސަބަބުން ކުޅުންތެރިންގެ ރޫޚާއި، ކޮންފިޑެންސަށް ބޮޑު ކުރިއެރުމެއް ލިބިއްޖެކަމަށް މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނެފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ހޯދި ފުރަތަމަ މޮޅަށްފަހު މާޅޮސް މާދަމާ ހަވީރު ނިކުންނާނީ ށ.މިލަންދޫއާއި ދެކޮޅަށެވެ. 

މި މެޗަށް އިޝާރާތްކޮށް މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނީ ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި ފަހު ވަގުތު މޮޅު ނުވެވުމުން އެކަމަށް ތައްޔާރުވާނެކަމަށެވެ. އެ މެޗުގައި ދޭއް ސުމަކުން މާޅޮސް ކުރީގައި އޮއްވާ މިލަންދޫންވަނީ ފަހު ފަސް މިނެޓުގައި ދެ ގޯލް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. 

ނިޝްތާރު ބުނީ އެ މެޗުން ރަނގަޅު ފިލާވަޅެއް ލިބިއްޖެކަމަށާއި، މި މެޗުގައި އެކަން ތަކުރާރު ނުވާނެގޮތަށް ތައްޔާރުވަމުންދާކަމަށެވެ. އޭނާ ބުނީ ގްރީން ސްޓްރީޓްސް ކަހަލަ ވަރުގަދަ ޓީމެއް ބަލިކޮށް މިމެޗާއި ކުރިމަތިލުމަކީ ލިބޭ ހިތްހަމަޖެހުމެއްކަމަށާއި، މުޅި ޓީމުގެ ކޮންފިޑެންސް ލެވެލް މަތިވެފައިވާކަމަށެވެ.

"އެއްވެސް ޓީމެއް އަންޑަރ އެސްޓިމޭޓް ނުކުރާނަން، ގްރީން މެޗުގައި ދެއްކި ކުޅުން ތަކުރާރުކުރުން އަމާޒަކީ" ނިޝްތާރު ބުންޏެވެ. 

މިލަންދޫގެ ކޯޗު މުޙައްމަދު ނާސިރު ބުނީ މާޅޮހަކީ ވަރަށް ރަނގަޅަށް ޕާސް ޖަހައިގެން ކުޅޭ ޓީމެއްކަމަށާއި، މިލަންދޫން މެޗު އެއްވެސް ވަރަކަށް ފަސޭހަ ނުކުރާނެކަމަށެވެ. ނިއުރޭޑިއަންޓް އަތުން ވީ ބޮޑު ބައްޔަށްފަހު ޓީމް ކުރީގެ ފޯމަށް އަޅުވަން މި މެޗުން ރަނގަޅު ނަތީޖާއެއް ނެރުން މުހިންމުކަމަށް އޭނާ ބުންޏެވެ. 

ނާސިރު ބުނީ މިލަންދޫގެ ސްކޮޑު ކުޑަވުމުގެ ސަބުބުން އެންމެ އެކަށީގެންވާ ގޮތަށް ޕްރެކްޓިސްތައް ކުރިއަށްގެންދިޔުމަށް ދަތިތަކެއް އެބަ ހުރިކަމަށެވެ. އޭނާ ބުނީ ފަރިތަކުރުންތަކުގައި ސަތާރަ ނުވަތަ ސޯޅަ ކުޅުންތެރިން ބޭނުންކުރަން ޖެހުމުން ބޭނުންވާ ގޭމް ޕްލޭނަށް ޓީމް ފަރިތަކުރަން އުނދަގޫވާކަމަށެވެ.

"ނިއު އަތުން ބޮޑު ބައްޔެއްވީމަ ބޭނުންވަނީ މޮޅަކާއިއެކު ފޯމު ރަނގަޅުކުރަން، މާޅޮސް މެޗަށް ނިކުންނަނީ ތިން ޕޮއިންޓަށް އަމާޒުކޮށްގެން" ނާސިރު ބުންޏެވެ.