ޓުއަރިޒަމް

ޑަބްލިޔުޓީއެމް ފެއަރއިން ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާނެ


މިއަހަރުގެ ވޯލްޑް ޓްރެވަލް މާކެޓް ފެއާގައި ރާއްޖޭގެ ސްޓޭންޑު ކުރީ އަހަރުތަކަށްވުރެ ޖާގައިގެ ގޮތުން ބޮޑުވާނެ ކަމަށާއި ރާއްޖެއިން ބައިވެރިވާ ފަރާތްތަކަށް ފެއަރގެ ތެރެއިން ގިނަ ފުރުޞަތުތަކެއް ފަހިކޮށްދީފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ.

ޑަބްލިޔު.ޓީ.އެމް ފެއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އެއް ފެއަރއެވެ. މިފަހަރުގެ ފެއަރ އޮންނާނީ އަންނަ މަހުގެ 6 އިން 8 ކަށް އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.

މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި އެމްއެމްޕީއާރުސީއާއި އެކު ބައިވެރިވާ ފަރާތްތަކަށް ފެއަރއާއި ގުޅޭ ގޮތުން މަޢުލޫމާތުދިނުމަށް ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރ.ސީގެ އެކްޓިންގް މެނޭޖިންގ ޑިރެކްޓަރ، ހާރިސް މުޙައްމަދު ވިދާޅުވީ ޑަބްލިއުޓީއެމް ފެއަރގައި ރާއްޖެއިން މިއަހަރު ރެކޯޑް އަދަދަކަށް ކުންފުނިތަކުން ބައިވެރިވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސްޓޭންޑްގައި ހުރިހާ ބައިވެރިންނަށްވެސް ކައުޓަރ ހުންނާނެ ކަމަށް ހާރިސް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14785218489151.jpg|ޑަބްލިޔުޓީއެމް 2016 ގެ ތެރެއިން / މިފަހަރުގެ ފެއަރއިންވެސް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ

"އެހެން އަހަރުތަކަށްވުރެ ގިނަ ބައިވެރިން ރާއްޖެއިން މިއަހަރު ޑަބްލިއުޓީއެމް ފެއަރގައި ބައިވެރިވާނެ، މިއާ އެކު ޑަބްލިއުޓީއެމް ސްޓޭންޓުގެ ކައުޓަރ ސްޕޭސްވަނީ ބޮޑުކޮށްފައި، ބައިވެރިވާ ކޮންމެ ކުންފުންޏަކަށް ވަނީ ކައުންޓަރއެއް ދީފައިވާނެ، ޕްރައިވެޓް މީޓިންގ ސްޕޭސްވެސް ހުންނާނެ. އަދި ސްޓޭންޑު ބޭނުންކޮށްގެން ދިވެހި ރާއްޖޭގެ ވިސިބިލިޓީ އިތުރުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރެވިފައި ހުންނާނީ" ހާރިސް ވިދާޅުވިއެވެ.

ޑަބްލިއު.ޓީ.އެމް ފެއަރގައި ރާއްޖޭގެ ފަރާތުން 68 ކުންފުންނަކުން 193 މަންދޫބުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އެމް.އެމް.ޕީ.އާރ.ސީއިން ބުނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ޓްރެވަލް އެޖެންޓުންނާއި، ޓޫރިސްޓް ރިސޯޓްތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން، ދަތުރުފަތުރު ކުރުމުގެދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ބޮޑެތި ކުންފުނިތައް ހިމެނެއެވެ.