ޓުއަރިޒަމް

ގެސްޓް ހައުސް އެވޯޑުގެ ގިނަ އެވޯޑުތައް މާފުށްޓަށް


ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ އެވޯޑް - މާޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގެސްޓް ހައުސް އެޑިޝަންގެ ގިނަ އެވޯޑްތައް މާލެއަތޮޅު މާފުއްޓަށް ލިބިއްޖެއެވެ.

އެގޮތުން އެންމެ ކުރިއަރާފައިވާ ގެސްޓްހައުސް ރަށުގެ އެވޯޑް މާފުއްޓަށް ލިބުނުއިރު، އެންމެ ކުރިއަރާފައިވާ ގެސްޓްހައުސްގެ އެވޯޑް ހޯދީ ކ.މާފުށީގެ ގެސްޓްހައުސެއް ކަމަށްވާ އެރީނާ ބީޗް ހޮޓެލްއެވެ.

މާފުށީގައި ބޭއްވި އެވޯޑް ދިނުމުގެ ހަފްލާގައި ރާއްޖޭގެ އެކި ހިސާބުތަކުން ގެސްޓްހައުސް ވިޔަފާރި ކުރާ ދުއިސައްތަ ފަންސާހަށް ވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ.

އެވޯޑް ހަފްލާގައި އެންމެ ގިނަ އެވޯޑް ޙާސިލްކޮށްފައިވަނީ އެރިނާ ބީޗް ހޮޓެލްއިންނެވެ. އެގޮތުން އެންމެ ކުރިއަރާފައިވާ ގެސްޓްހައުސްގެ އެވޯޑާއި، އެންމެ ކުރިއަރާފައިވާ ގެސްޓްހައުސް ބުރޭންޑުގެ އެވޯޑާއި، މަޓާޓޯއަށް އެންމެ އެހީތެރިކަން ފޯރުކޮށްދޭ ގެސްޓްހައުސްގެ ގޮތުގައިވެސް ހޮވިފައިވަނީ އެރީނާ ބީޗް ހޮޓެލްއެވެ.

މީގެ އިތުރުން ކ.މާފުށީގެ ކާނި ހޮޓެލްއިންވެސް ވަނީ މަޓާޓޯއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ހޮޓެލްގެ އެވޯޑާއި، ލީޑިންގ ގެސްޓްހައުސް ބުރޭންޑުގެ އެވޯޑް ހޯދާފައެވެ. އެންމެ ކުރިއަރާފައިވާ ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސްގެ ހިދުމަތްދޭ ގެސްޓްހައުސްއަކަށް ކ.މާފުށީގެ އެކްޓިވް ވޯޓަރ ސްޕޯޓްސް ހޮވުނުއިރު، އެންމެ ތަފާތު އަދި އުފެއްދުންތެރި ޚިޔާލަކަށް ތަރައްޤީކޮށްފައިވާ ގެސްޓްހައުސްގެ އެވޯޑް ހޯދާފައިވަނީ މާފުށީ ވެލާނާ ބީޗެވެ.

މީގެ އިތުރުން އެންމެ ހިތްގައިމު ގޮނޑުދޮށެއް ލިބިފައިވާ ރަށުގެ އެވޯޑް ހޯދާފައިވަނީ ހއ.ކެލާއެވެ. އަދި އެންމެ ކަމުދާ އެޑްވެންޗަރ ގެސްޓްހައުސްއަކަށް ހޮވިފައިވަނީ ލ.ގަން ރިވަރީސް ޑައިވް ވިލެޖެވެ.

ގެސްޓްހައުސް އެވޯޑް ލިބުނު ފަރާތްތަކުން ބުނީ ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒްކޮށްގެން މިފަދަ އެވޯޑް ޝޯއެއް ބޭއްވުމަކީ، އެފަރާތްތަކުން ކުރާ މަސައްކަތް އިތުރަށް ކުރިއެރުވުމަށް ލިބޭ ހިތްވަރެއް ކަމުގައެވެ. އަދި އަންނަ އަހަރުވެސް ލިބުނު އެވޯޑް ދިފާއުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކަށް ޚާއްސަކޮށްގެން މަޓާޓޯއިން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގެސްޓް ހައުސް އެޑިޝަންއަށް ނަން ހުށަހެޅުމަށް ހުޅުވާލުމުން ނުވަދިހައަށް ވުރެ ގިނަ ފަރާތުން ނަން ހުށަހަޅާފައިވެއެވެ.

ގެސްޓްހައުސް އެޑިޝަނަށް ޖަޖުކުރުމުގައި %40 އަކީ ޓްރިޕް އެޑުވައިޒާގެ ރިވިއުއަށް ބެލުމަށްފަހު ލިބޭ ޕޮއިންޓެވެ. ބާކީ %60 ބިނާވަނީ އެސްއެމްއެސް އާއި އޮންލައިން މެދުވެރިކޮށް ލިބޭ ވޯޓްގެ މައްޗަށެވެ. ގެސްޓްހައުސް އެޑިޝަން 15 ކެޓަގަރީއަކަށް ބަހާލައިފައިވާއިރު އޭގެ ތެރެއިން 3 އެވޯޑަކީ މަޓާޓޯއިން އިންސާފުކުރުމަށްފަހު ދޭ އެވޯޑެކެވެ.