މިދިޔަ އަހަރު އޭޑީކޭ ހޮސްޕިޓަލުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުން ހޮވާ އިނާމް ދީފިއެވެ.
މިދިޔަ އަހަރު އޭޑީކޭ ހޮސްޕިޓަލްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންނަށް ހިތްވަރުދީ އެމީހުންގެ އަގުވަޒަންކުރުމުގެ ގޮތުން ޢިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ސަތޭކައަށް ވުރެގިނަ މުވައްޒަފުންނަށް އިނާމާއި ހަދާނީ ފިލާ ހަވާލުކުރިއެވެ.
ތިން ކެޓަރީއަކަށް ބަހާލައިގެން އެވޯޑްތައް ދިފައިވާއިރު މި ހަފްލާގައި އެންމެ ފާހަގަކޮށްލެވޭ ގޯލްޑް އާއި ސިލްވަރ ޕާފޯމަންސް އަދި އެންމެ ރަނގަޅު މުވައްޒަފު ހޮވާ އެފަރާތްތަކަށް އެވޯޑާއި ފައިސާގެ އިނާމް ހާވާލުކުރިއެވެ. މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވުނީ ނާރސިންގ ޑިޕާޓްމަންޓުގެ ފާތުމަތު ސަމީރާއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަބްދު ﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މުވައްޒަފުންގެ އަގު ވަޒަންކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެއްކަމަށާއި، އެކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށެވެ. އަދި އޭޑީކޭ ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޮޑެތި ޚިދުމަތްތަކެއް ކުރަމުން އަންނަ ހޮސްޕިޓަލެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އަފްއާލް ވިދާޅުވީ ކޮންމެ އަހަރަކުވެސް މި އެވޯޑަށް އެތަށް މުވައްޒަފުންނެއް ވާދަ ކުރާކަމަށެވެ. އަދި އެވޯޑް ލިބޭ ފަރާތްތައް ވެސް އެ އެވޯޑް ދިފާއު ކުރުމަށާއި، އެވޯޑް ނުލިބޭ ފަރާތްތައް އެވޯޑު ހޯދުމަށް ގަދަ އަޅާ މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ.
މިއީ މުވައްޒަފުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން މުވައްޒަފުންނަށް ޚާއްސަކޮށްގެން އިނާމާއި ހަދާނީ ފިލާ ދިން ހަތް ވަނަ އަހަރެވެ. ސިއްޙީ ދާއިރާއަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ކުރައްވަމުންގެންދަވާ މަސައްކަތުގެ އަގުވަޒަންކޮށް، މި ރަސްމިއްޔާތުގައި ޚާއްސަ ހަނދާނީ ފިލައެއް އެމަނިކުފާނަށް ވަނީ އަރުވާފައެވެ.