ޚަބަރު

އުކުޅަހަށް އަލުން ކަރަންޓު ދީފި


އއ.އުކުޅަހު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އަލުން އަނބުރާ ކަރަންޓުގެ ޚިދުމަތް ދީފިއެވެ.

އުކުޅަހު އިންޖީނުގޭގައި ހިނގި އަލުފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ނަމަވެސް ދުމުގެ އަސަރުކޮށްގެން 3 މީހަކު އެޑްމިޓްކޮށް ފަރުވާދީފައިވެއެވެ. އުކުޅަހު އިންޖީނުގޭގައި އަލިފާން ރޯވީ އިންޖީނުގޭގެ ފުރާޅުގައި ވެލްޑިންގެ މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ކަމަށް ލަފާކުރެވޭކަމަށް އުކުޅަހު ކައުންސިލުން މަޢުލޫމާތުދީފައިވެއެވެ. މި ހާދިސާގައި އިންޖީނުގޭގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައިވަނީ ރަށުގެ ރައްޔިތުންނާއި އެމްއެންޑީއެފާއި ފުލުހުން ކުރި މަސައްކަތުންނެވެ.

އުކުޅަހު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގައި ހުރި ތިން އިންޖީނުގެ ތެރެއިން އެއް އިންޖީނު މުޅިން ހަލާކުވެ ރަށުން ކަރަންޓު ކެނޑުނެވެ. މިހާދިސާއާއި ގުޅިގެން ސްޓެލްކޯއިން އުކުޅަހަށްދިޔަ ޓީމުންވަނީ އުކުޅަހު އިންޖީނުގޭގައި ބާކީހުރި ދެ އިންޖީނުން ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައެވެ. ސްޓެލްކޯއިން ބުނީ އުކުޅަހަށް ދިމާވި ކަރަންޓުގެ މައްސަލަ މިހާރު އެއްކޮށް ހައްލުކޮށްފައި ވާކަމަށެވެ. އަދި އަލިފާނުގެ ސަބަބުން ހަލާކުވި ޖަނަރޭޓަރުގެ ބަދަލުގައި ބެކަޕް ޖެނެރޭޓަރެއް ހޯދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

އުކުޅަކު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު، އެރަށު ކައުންސިލުންވަނީ ގޭބީސީތަކަށް އުއްބަތި ބަހާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އުކުޅަހުގެ އިންޖީނުގެ ހުންނަނީ ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ. އުކުޅަހަކީ އާބާދީގައި އެއްހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.