ތިން ސަރަޙައްދެއްގައި، މިމަހު މުދަލު ޒަކާތް ބަހަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. މިމަހު ޒަކާތް ބަހަން ނިންމާފައިވަނީ ގދ.ތިނަދުއާއި އައްޑޫސިޓީ އާއި ފުވައްމުލައްސިޓީގައެވެ.
މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ކޮންމެ ފަޤީރަކަށް 900 ރުފިޔާ ބެހުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި މަހުގެ 11 އިން 12 އަށް ފުވައްމުލަކުސިޓީގެ އަވަށްތަކަށް މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ފުވައްމުލަކުސިޓީގެ ދަނޑިމަގާއި، ދިގުވާނޑުގެ އިތުރުން ހޯދަނޑުގައި ވަނީ މުދަލު ޒަކާތް ބަހާފައެވެ. އަދި މާދަނޑާއި މިސްކިތްމަގުގެ އިތުރުން މާލެގަމުގައިވެސް ވަނީ މުދަލު ޒަކާތް ބަހާފައެވެ.
މިމަހުގެ 12ވަނަ ދުވަހު ހެނދުނު 9 އިން 12 އަށް ދޫނޑިގަމާއި ފުނާޑުގައި މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ފުވައްމުލަކުސިޓީގައި މިދިޔަ އަހަރުގެ މުދަލު ޒަކާތުގެ އިތުރުން 2015 ވަނަ އަހަރުގެ މުދަލު ޒަކާތްވެސް ބަހާނެ ކަމަށެވެ. އެގޮތުން ދަނޑިމާގާއި ދޫނޑިގަމުގެ އިތުރުން ފުނާޑުއަވަށުގެ ރައްޔިތުންނަށް މިމަހުގެ 12 ވަނަދުވަހުގެ ނިޔަލަށް މުދަލު ޒަކާތް ބަހާނެއެވެ.
މިދިޔަ އަހަރުގެ މުދަލު ޒަކާތް އައްޑޫސިޓީގައި ބެހުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 އިން 15 އަށެވެ. އެގޮތުން މަރަދުއާއި ފޭދޫގެ އިތުރުން މަރަދޫފޭދޫގައިވެސް މިމަހުގެ 14ވަނަ ދުވަހު ހެނދުނު 9 އިން މެންދުރު 13:30 އަށް މަރަދޫފޭދޫގައި ހުންނަ ފެނަކަ ބްރާންޗުން ޒަކާތް ބަހަމުން ދާނެއެވެ. އަދި ރޭގަނޑު 20:30 އިން 22:30 އަށް އައްޑޫ ހައިސްކޫލްގައި ހިތަދޫގެ ރައްޔިތުންނަށް މުދަލު ޒަކާތް ބަހަމުން ގެންދާނެއެވެ. މިމަހުގެ ފަނަރަވަނަދުވަހު ހިތަދޫ ރަށްޔިތުންނަށް އައްޑޫ ހައި ސްކޫލްއިން މުދަލު ޒަކާތް ދޫކުރަމުން ގެންދާނެއެވެ. މިމަހުގެ ފަނަރަވަނަ ދުވަހު ހުޅުދުއާއި މީދޫ ރައްޔިތުންނަށް ހެނދުނު 9 އިން މެންދުރު 13:30 އަށް ހުޅުމީދޫގެ ފެނަކަ ބްރާންޗްއިން ޒަކާތް ބަހަމުން ގެންދާނެއެވެ.
ގދ. ތިނަދޫގައި މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށް ތިނަދޫގައި ހުންނަ ޕީއެސްއެމްގެ މީޑިއާ ސެންޓަރުންނެވެ. ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ 16 ވަނަދުވަހު ރޭގަނޑު 20:30 އިން 22:30 އަށެވެ. އަދި 17 ވަނަ ދުވަހު މެންދުރު 14:30 އިން ހަވީރު 16:30 އަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފަޤީރުންގެ ގޮތުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށް ޒަކާތް ދޫކުރާނީ ކާކުކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް ހިފައިގެން ދިއުމުން ކަމަށެވެ. ޒަކާތް ލިބޭ މީހެއްގެ ބަދަލުގައި މީހަކު ޒަކާތް ބަލައިދާނަމަ ޒަކާތް ދޫކުރާނީ ޒަކާތުގެ ހައްޤުވެރިޔާގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ލައިސަންސް ގެނައުމުން ކަމަށް އެމިނިސްޓްރީން ބުނެއެވެ.
މުދަލު ޒަކާތް މި ފަހަރު ބަހަމުން ގެންދާނީ ފިޠުރު ޒަކާތް ބެހުމަށް އެކުލަވާލި ލިސްޓާ އެއްގޮތަށެވެ. އެގޮތުން މިއަހަރު ފަގީރުންގެ ގޮތުގައި ސޯޅަހާސް ދުއިސައްތަ އޮނަތިރީސް މީހުން ލިސްޓް ކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އޭގެތެރޭގައި މާލެއިން ތިންހާސް ސަތޭކަ ތިރީށް އަށްމީހުންނާއި، އަތޮޅުތަކުން އެއްހާސް ތިންސަތޭކަ ނުވަދިހަ އެއް މީހުން ފަގީރުންގެ ލިސްޓްގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.