ޚަބަރު

"ރާއްޖެއަކީ އދ ގައި ކާމިޔާބު މަސައްކަތްތަކެއް ކުރާ ޤައުމެއް"


ރާއްޖެއަކީ އދގެ މެންބަރު ޤައުމުތަކާ، ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި މުހިންމު އަދި ކާމިޔާބު މަސައްކަތްތަކެއް ކުރާ ޤައުމެއްކަމަށް ޔޫ.އެން.ޑީ.ޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ މަންދޫބު ޝޯކޯ ނޯޑާ ވިދާޅުވެއްޖެއެވެ. 

72 ވަނަ ޔޫ.އެން ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ އދ ގެ އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި ހަފްލާގައި  ޝޯކޯ ނޯޑާ ވަނީ އދގެ މަސައްކަތަކާއި ތާރީޚުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަކިވަކި ޤައުމުތަކުން އދގެ މަޤްޞަދު ހާސިލްކުރުމަށް އަދާކުރާ މުހިންމު ރޯލް ފާހަގަ ކުރައްވަމުން ޝޯކޯ ވިދާޅުވީ ރާއްޖެ އަކީ ކުދި ޖަޒީރާ ޤައުމުތަކާ، އދގެ މެންބަރު ޤައުމުތަކުގެ ހައްޤުގައި ވަރަށް ބުރަ އަދި ކާމިޔާބު މަސައްކަތްތަކެއް ކުރާ ޤައުމެއްކަމަށެވެ. 

މިރަސްމިއްޔާތު ޝަރުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙުމަދު ސަރީރު ވަނީ ރާޢްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އދ.އިން ދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އދގެ ސެކިއުރިޓީ ކައުންސިލްގެ ވަގުތީ މެންބަރެއްގެ މަޤާމު ހޯދުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ސަރީރު ވިދާޅުވީ ސެކިއުރިޓީ ކައުންސިލްގެ ވަގުތީ މެންބަރަކަށް ވެއްޖެނަމަ ރާއްޖެއިން ބައިނަލް އަޤްވާމީ މައިދާނުގައި ކުރާ މަސައްކަތަޢް އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ. 

އދ ދުވަސް ފާހަގަކުރުމަށް ނެޝަނަލް އާރޓް ގެލަރީގައި ވަނީ ޚާއްސަ ޙަރަކާތްތަކެއް ކުރިޔަށްގެންގޮސްފައެވެ. މި ޙަރާކާތުގައި ރާއްޖޭގައި ހުންނަ ބޭރު ޤައުމުތަކުގެ އެންބަސީތަކުގެ ސްޓޯލްތައް ބަހައްޓާފައިވެއެވެ. އަދި އެކިއެކި ޤައުމުތަކުގެ ސަޤާފަތް ދައްކުވައިދީ އެކި އުމުރު ފުރައިގެ މީހުންނަށް ޚާއްސަ ކުޅިވަރުތައްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ. އދ ދުވަހަކީ ޔޫއެން ޗާޓަރ ތަސްދީގުކުރަން ފެށި ތާރީޚެވެ.