ވިޔަފާރި

އަންނަ އަހަރު ފަތުރުވެރިންގެ އަދަދު %6.8 އިތުރުވާނެ


އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 6.8 އިންސައްތަ އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުންވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 6.8 އިންސައްތަ އިތުރުވެ، ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ރޭގެ އަދަދު ނުވަތަ ބެޑް ނައިޓްސް 4.1 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ.

އަދި މިއާއެކު އަންނަ އަހަރު ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ދައުލަތަށް 4،311.3 މިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ސަރުކާރުންވަނީ ލަފާކޮށްފައެވެ. މިއީ މިއަހަރު ލިބޭނެ ކަމަށް ލަފާކުރޭ އަދަދަށް ވުރެ ހަތަރެއް ޕޮއިންޓް ދޭއް އިންސައްތަ އިތުރު އަދަދެކެވެ.

މީގެއިތުރުން އަންނަ އަހަރު ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1،905.1 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވަނީ ލަފާކޮށްފައެވެ. މިއީ މިއަހަރަށްވުރެ ސޯޅަ ޕޮއިންޓް ނުވައެއް އިންސައްތަ އިތުރު އަދަދެކެވެ. ރިސޯޓް ކުލީގެ ގޮތުގައި ލިބޭނެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރު ގިނަ އަދަދެއްގެ ރިސޯޓުތައް އަލަށް މާކެޓަށް ނުކުތުމާއެކު ކުލި ހިނގަން ފަށާނެތީ އާއި ކުލި ނުދައްކާ ފަރާތްތަކުގެ އަތުން ކުލި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ބަލައިގެންނެވެ.