ޚަބަރު

"ޖަޕާނުން އަބަދުވެސް ރާއްޖޭގެ ތަރައްޤީއަށް އެހީވާނެކަން ޔަޤީން"


ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަމަށާއި ކުރިޔަށް އޮތް ތަނުގައިވެސް ޖަޕާނުން ރާއްޖޭގެ ތަރައްޤީއަށް އެހީވާނެކަމުގެ ޔާޤީންކަށް އެބައޮތްކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއާ ޖަޕާނާ ދެމެދު ޚާރިޖީ ގުޅުން ޤައިމްކުރިތާ 50 އަހަރު ފާހަގަކުރުމަށާއި ޖަޕާނުގެ ޤައުމީދުވަސް ފާހަގަކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.



މިރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ޑރ މުހައްމަދު އާސިމް ވަނީ ރާއްޖެއާއި ޖަޕާނާ ދެމެދު ޒަމާނުއްސުރެ އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. މިގުޅުމަކީ އިތުބާރާއި އިޚްތިރާމުގެ މައްޗަށް ބިނާވެފައިވާ ވަރަށް ގާތްގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 2014 ވަނަ އަހަރު ޖަޕާނަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދިޔަކަމަށް ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނުގެ ޕާލިމަންޓަރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއަރޒް، އިވާއޯ ހޮރީއާ ވަނީ ރާއްޖެއާ ޖަޕާނުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަމުންދާކަން ފާހަގަކުރައްވާ ކުރިޔަށް އޮތްތަނުގައިވެސް މިގުޅުން އިތުރަށް ބަދަހި ވެގެންދާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖެއާ ޖަޕާނާ ދެމެދު ޚާރިޖީ ގުޅުން ޤައިމްކުރިތާ 50 އަހަރު ފާހަގަކުރުމަށާއި ޖަޕާނުގެ ޤައުމީދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަޕާނުގެ ޕާލިމަންޓަރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއަރޒް، އިވާއޯ ހޮރީއާގެ އިތުރުން ރާއްޖެއަށް ޖަޕާނުން ކަޑައަޅާފައި ހުންނަ ސަފީރު ކަޒޫމީ އެންދޯއާއި ޚާރިޖީ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.