މަތީ ތަޢުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނު 500 އަށް ވުރެ ގިނަ ދަރިވަރުންނަށް ދީފިއެވެ.
އިސްކަންދަރު ސްކޫލުގައި ބޭއްވި ހަފުލާއެއްގައި ދަރިވަރުންނަށް ލޯނު ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. މިއީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރަން ލޯނު ދޫކުރި 10 ވަނަ ބުރެވެ. މި ފަހަރު ލޯނު ދޫކޮށްފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ޑިޕްލޮމާ އިން ފެށިގެން މާސްޓާޒް ފެންވަރަށް ކިޔެވުމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އޮގަސްޓް މަހު ހުޅުވާލި މި ލޯނު ސްކީމުގައި 1000 ލޯނު ދޫކުރަން ހަމަޖެއްސި ކަމަށެވެ. ނަމަވެސް ލޯނަށް އެދި ހުށަހެޅީ 612 ދަރިވަރުން ކަމަށާއި އޭގެ ތެރެއިން ލޯނު ދީފައިވަނީ ޝަރުތު ހަމަވާ 566 ދަރިވަރުންނަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މަތީ ތައުލީމް ހާސިލްކުރަން 5200 އަށް ވުރެ ގިނަ ލޯނުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި މިއަހަރު އެ ފުރުސަތަށް އެދުނު ގިނަ ދަރިވަރުންނަށް ލޯނު ދީފައިވާ ކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ލޯނު ލިބުނު ހުރިހާ ދަރިވަރުން ކިޔެވުން ފުރިހަމަކޮށް ޤައުމަށް ހިދުމަތް ކުރުމަށް މިނިސްޓަރ އެދިވަޑައިގެނެވި އެވެ.
""ދަރިވަރުންނަށް އުނގެނުމަށް ދެވޭ ފުރުޞަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ، ޤައުމު ބިނާކޮށް އާރާސްތު ކުރުމަށް އަމަލީ ގޮތުން ބައިވެރިވަމުން ދާކަން ފާހަގަ ކުރަން. އަދި މުސްތަޤްބަލުގައިވެސް ޤައުމަށް ޚިދުމަތް ކުރުމުގައި ދެމިހުރުމަށް އެދެން" މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީން ޢިއުލާންކުރެއްވި 2050 ސްކޮލަޝިޕަށް ކުރިމަތިލުމަށް އަންނަ މަހުގެ ކުރީކޮޅު ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ މާޗު މަހު ލޯނު ސްކީމުގެ އާ ބުރެއް އިއުލާނު ކުރާނެ ކަމަށް އެޑިއުކޭޝަން އިން ބުނެއެވެ.