ޚަބަރު

އިންސާނީ ހައްޤުތަކާބެހޭ މުއާހަދާއަށް އަހުލުވެރިކުރުން


ސިއްހީ ފަރުވާއަކީ އިންސާނީ ހައްޤުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހައްޤުކަމަށާއި މިހައްޤު ފުރިހަމަ ނުވާނަމަ އެހެން ހައްޤުތައް ލިބިގަތުމަށް ހުރަސްއެޅޭނެކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ޢަލީ މޫސާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދަމަނަވެށި އަދި މޯލްޑިވްސް ބްލަޑް ސާރވިސަސްގެ މުވައްޒަފުން އިންސާނީ ހައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާއަށް އަހުލުވެރިކުރުމަށް ބޭއްވި ތަމްރީން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިޕްރޮގްރާމަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އެހީތެރިކަމާ އެކު ކުރިޔަށް ގެންދިޔަ ތަމްރީނެކެވެ. މިޕްރޮގްރާމްގައި ދަމަނަވެށި ކްލިނިކާއި މޯލްޑިވްސް ބްލަޑް ސާރވިސަސްގެ 12 މުވައްޒަފުން ބައިވެރިވިއެވެ. ތަމްރީން ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ މޫސާ ވަނީ އިންސާނީ ހައްޤުތަކާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ދަމަނަވެށިން އަމިއްލައަށް އިސްނަގާފައިވާތީ އެކަމަށް ތަޢުރީފް ކުރައްވާފައެވެ. އަދި ސިއްހީ ފަރުވާއަކީ އިންސާނީ ހައްޤުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހައްޤުކަމަށާ، މިހައްޤު ފުރިހަމަ ނުވާނަމަ އެހެން ހައްޤުތައް ލިބިގަތުމަށް ހުރަސްއެޅޭނެކަން އޭނާ ފަހަގަކުރެއްވިއެވެ.

މިތަމްރީންއާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ދަމަނަވެށީގެ ޑެޕިއުޓީ ޑިރެކްޓަރ ފައިސަލް އިބްރާހިމް ވިދާޅުވީ މިއީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މުޢާހަދާއާއިބެހޭ ގޮތުން ދަމަނަވެށި އަދި އެމް.ބީ.އެސްގެ މުވައްޒަފުން އަހުލުވެރިކޮށް ސިއްހީ ފަރުވާ ލިބިގަންނަން އަންނަ ފަރާތްތަކުގެ ހައްޤުތަކަށް މުވައްޒަފުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއްކަމަށެވެ.

މިފަދަ ޕްރޮގްރާމްތައް މިއައްވުރެ ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދިއުމަށް ރޭވިފައިވާކަމަށާއި އަންނަ އަހަރު މިފަދަ އިތުރު ތަމްރީންތައް ކުރިޔަށް ގެންދާނެކަމަށް ދަމަނަވެށިން ބުނެއެވެ.