ދުނިޔޭގެ އެންމެ ރީތި އަދި އެންމެ ހިތްގައިމު ގޮނޑުދޮށްތަކުގެ ލިސްޓުގައި ރާއްޖޭގެ 2 ރަށެއް ހިމެނިއްޖެއެވެ.
ކެނެޑާގެ މަޝްހޫރު އޮންލައިން ޓްރެވަލް ކުންފުންޏެއްކަމަށްވާ "ފްލައިޓް ނެޓްވޯރކް" އިން ހޮވާ ދުނިޔޭގެ އެންމެ ރީތި އަދި އެންމެ ހިތްގައިމު 50 ގޮނޑުދޮށުގެ ލިސްޓުގައި ހިމެނިފައިވާ ރާއްޖޭގެ 2 ރަށަކީ ބ. ފުޅަދޫ އަދި އދ. ދިގުރަށެވެ. ފްލައިޓް ނެޓްވޯރކްއިން މި ލިސްޓު އެކުލަވާލާފައިވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ނިސްބަތްވާ 600 އަށްވުރެ ގިނަ ޓްރެވަލް ޖަރނަލިސްޓުންނާއި، އެޑިޓަރުންނާއި، ބްލޮގަރުންގެ އިތުރުން ޓުއަރ އޮޕަރޭޓަރުންނާއި، އޭޖެންޓުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހުގައެވެ.
ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކުގެ ރީތިކަމާއި، ގުދުރަތީގޮތުން ރާއްޖެއަށް ލިބިފައިވާ މުއްސަނދިކަމަށް "ފްލައިޓް ނެޓްވޯރކް" ވަނީ ތަޢުރީފުކޮށްފައިވައެވެ. ދުނިޔެ މަތީގެ ސުވަރުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ރާއްޖޭގެ ހިތްގައިމުކަމާއި، ދޮންވެލި ތުނޑިތަކާއި، ފަރުތަކުގެ އިތުރުން ކަނޑުއަޑީގެ ރީތިކަމަށްވެސް "ފްލައިޓް ނެޓްވޯރކް" އިން އެކުލަވާލި ލިސްޓުގައި ރާއްޖެއާއި ގުޅޭގޮތުން ކޮމެންޓުކޮށްފައިވާ ފަރާތްތަކުން ވަނީ ތަޢުރީފުކޮށްފައެވެ.
img:http://s1.psmnews.mv/images/660x400/15122878097273.jpg|ބ ފުޅަދޫ
ބ. އަތޮޅު ހިމެނޭ ސަރަޙައްދަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަޤުބޫލު ސަރަޙައްދެކެވެ. ވަކިން ޚާއްސަކޮށް ކޯމަހާއި، އެކި ބާވަތުގެ ވެލާ ކަހަނބުގެ ދިރުންތައް އެންމެ އާއްމުކޮށް ފެންނަ ބ. އަތޮޅުގެ ފުޅަދޫ ހިމެނޭ ސަރަޙައްދަކީ ސްނޯކްލިންއަށާއި ޑައިވިންކުރުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ އަހަރަކުވެސް ޒިޔާރަތްކުރާ ސަރަޙައްދެކެވެ.
މީގެ އިތުރުން، ދިގުމިނުގައި 2.8 ހުންނަ އދ. ދިގުރަށަކީވެސް ފަތުރުވެރިންގެ ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ރަށެކެވެ. ފަތުރުވެރިންގެ މެދުގައި މި ސަރަޙައްދު ބޮޑަށް މަޝްހޫރުވެފައިވަނީ ފެހުރިއްސާއި، މިޔަރާއި، އެކި ބާވަތުގެ މަޑީގެ ދިރުންތައް ފެންނަ ވަރަށްވެސް ހިތްގައިމު ސަރަޙައްދެއްގެ ގޮތުގައެވެ.