ޚަބަރު

"ކަސްޓަމަރ އެކްސްޕީރިއަންސް ކޮންފަރެންސް" ފަށައިފި


ކަސްޓަމަރ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ "ކަސްޓަމަރ އެކްސްޕީރިއަންސް ކޮންފަރެންސް" ފަށައިފިއެވެ. މިއީ ކަސްޓަމަރުންނަށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރެވޭނެ ގޮތްތަކާބެހޭ އެންމެ ފަހުގެ މަޢުލޫމާތު މިކަންކަމުގެ ތަޖުރިބާކާރުން މެދުވެރިކޮށް ފޯރުކޮށްދިނުމަށް ބާއްވާ ކޮންފަރެންސެކެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ފެށި އެއްދުވަހުގެ "ކަސްޓަމަރ އެކްސްޕީރިއަންސް ކޮންފަރެންސް"ގައި އިޤްތިޞާދީގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތަޖުރިބާކާރުން ބައިވެރިވެއެވެ. މިއީ ރާއްޖޭގެ ސޭލްސް އެންޑް މާކެޓިންގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ފަހިކޮށްދޭ އަގުހުރި ފުރުޞަތެއްކަމަށް ކަސްޓަމަރ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސްއިން ބުނެއެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ކަސްޓަމަރ އެކްސްޕީރިއަންސް ކޮންފަރެންސް ފައްޓަވާ ދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ. ކޮންފަރެންސް ފައްޓަވާ ދެއްވާ ވާހަކަ ދައްކަވަމުން ޑރ. އަލީ ޝަމީމް ވިދާޅުވީ ރާއްޖެއަކީ މިފަދަ ކޮންފަރެންސެއް ބާއްވަން އެންމެ ރަނގަޅުތަން ކަމަށާއި ވިޔަފާރިތައް ކުރިއެރުމުގައި ކަންޓަމާ އެކްސްޕީރިއަންސްގެ ދައުރު މުހިއްމުކަމަށެވެ. އަދި ރާއްޖެ މިދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެފަދަ މަޝްހޫރު ޓުއަރިސްޓް މަންޒިލަކަށް ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގައި އެންމެފަހުގެ ވަސީލަތާ އުސޫލުތައް މުހިންމުކަމަށާ، މިފަދަ ކޮންފަރެންސަކުން އައު ޚިޔާލުތައް ލިބި ސަރވިސް އިންޑަސްޓްރީގެ ހިދުމަތްތައް ހަރުދަނާކުރުމަށް ފުރުޞަތުލިބޭނެކަމަށެވެ.

މިކޮންފަރެންސް  ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ކަސްޓަމަރ ސާރވިސް ދާއިރާގައި ޖަމާނުއްސުރެއް މަސައްކަތްކުރަމުން އަންނަ މަސޫދު ޢަލީ ވިދާޅުވީ ޓެކްނޮލޮޖީއާއި އެހެނިގެން ގޮތްގޮތުން ބަދަލްވަމުންދާ މިޒަމާނުގައި ރާއްޖެފަދަ ޤައުމަކަށް މިފަދަ ކޮންފަރެންސެއް މެދުވެރިކޮށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެކަމަށެވެ.

މިކޮންފަރެންސްގެ ފުރަތަމަ ކީނޯޓް ސްޕީޗްދެއްވާފައިވަނީ އޯޕަންމަރކެޓްގެ ޗީފް އެވާންޖެލިސްޓް އޮއިސިން ލޫނީއެވެ. އޭނާގެ ކީނޯޓްގައިވަނީ ކަސްޓަމަރުންނަށް ރަގަނޅު ހިދުމަތެއްދިނުމަށް ބޭނުންކުރެވޭނެ އުކުޅުތަކުގެ މައްޗަށް ބަލާލާފައެވެ.

މިއީ ރާއްޖޭގެ ސޭލްސް އެންޑް މާކެޓިންގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ. މި ކޮންފަރެންސްގައި ކީނޯޓް ސްޕީކަރުންގެ ގޮތުގައިި ސިންގަރޕޫރު، މެލޭޝިއާ، ދުބާޢީ އަދި ލަންޑަނުން މިދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެފައިވެއެވެ.