ރަށްރަށަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިކަން ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ހަ ރަށެއްގެ ބަނދަރުގެ މަސައްކަތް ނިމިއްޖެއެވެ.
ބަނދަރުތަކުގެ މަސައްކަތާއި ގުޅޭގޮތުން ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއީޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުސްވި އޮކްޓޫބަރުމަހުގެ ނިޔަލަށް ހަރަށެއްގެ ބަނދަރު ހެނދުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެންމެ ފަހުން މަސައްކަތް ނިމުނު ރަށްތަކަކީ ކ. ގުރައިދޫއާއި ލ. ގަމާއި މ. ކޮޅުފުއްޓާއި ނ. ވެލިދޫއާއި ނ.މާޅެންދޫ އާއި ކ.ގާފަރެވެ.
ރަށްރަށުގެ ބަނދަރުތައް ހެދުމާއި، ބަނދަރުތަކަށް ޒަމާނީ ބަދަލުތައް ގެނައުމަށް ސަރުކާރުން ޙާއްސަ އިސްކަމެއް ދެއްވައިގެން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިހާރުވެސް ގާތްގަނޑަކަށް އަށާވީސް ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. ސަރުކާރުން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ އެންމެ ބޮޑު ޙަރަދެއް ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކުރުމަށް ކަނޑައަޅާފައެވެ. އެގޮތުން ރަށްރަށަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިކަން ހައްލުކުރުމަށް އަންނަ އަހަރުތެރޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަތްދިހަ ފަސް މަޝްރޫއުއަކަށް ދޭއް ޕޮއިންޓް ހަތެއް ބިލިއަން ރުފިޔާ ހޭދަކުރުމަށް ސަރުކާރުން ވަނީ ބަޖެޓްކޮށްފައެވެ. މިއީ ޖުމްލަ ޕީއެސްއައިޕީގެ ތިރީސްއަށެއް އިންސައްތައެވެ.
މީގެތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ވައިގެ ބަނދަރު ތަރައްޤީކުރުމަށާއި ރަށްރަށުގެ ލަފާފުރުމުގެ ދަތިކަން ހައްލުކުމުގެ މަޝްރޫއުތަކަށެވެ. މިގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރުމަށާއި ބަދަރު ހެދުމުގެ ފަސްދޮޅަސް ތިން މަޝްރޫޢަކަށް ބަޖެޓް ކޮށްފައިވެއެވެ. އެގޮތުން ރަށްރަށުގެ ބަނދަރު ހެދުމުގެ ގާތްގަނޑަކަށް ތިރީސް މަޝްރޫއެއް ބަޖެޓުގައި ހިމެނެއެވެ.