ތަރައްްޤީ

އައްޑޫސިޓީގެ އެކި އަވަށްތަކުގައި ބާބަކިއު ޕޮއިންޓްތައް ހަދަނީ




މުޖުތަމަޢުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުން ބާރުވެރިކުރުވުމަށް އައްޑޫސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން،  އައްޑޫސިޓީގެ އެކި އަވަށްތަކުގައި ބާބަކިއު ޕޮއިންޓުތައް ޤާއިމްކުރުމަށް ނިންމައި، އެ ކަމަށް ޝަޢުޤުވެރިވާ ފަރާތްތައް ހޯދުމަށް ހުޅުވާލައިފިއެވެ. އައްޑޫސިޓީ ފޭދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ ގައި ބާބަކިއު ސްޓޭންޑު ހެދުމަށް އިޢުލާންކޮށްފައިވާއިރު މީގެތެރެއިން ބައެއް ޞަރަޙައްދުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ބާބަކިއު ހެދުމުގެ އިތުރުން ޢާއިލާތަކަށް އައިސް ހިތްހަމަޖައްސާލަން ތިބެވޭނެ މައިޒާންތަކެއްގެގޮތުގައި ކަމަށް ސިޓީކައުންސިލުން މަޢުލޫމާތުދެއެވެ. 

އައްޑޫސިޓީ ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްގެން މީގެ ކުރިންވެސް އައްޑޫސިޓީގެ އެކި ޞަރަޙައްދުތަކުގައި ވަނީ ޕިކްނިކް އޭރިއާ ތަކާއި ފިނި މައިޒާންތައް ޤާއިމްކޮށްފައެވެ. އައްޑޫސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވީ އައްޑޫއަކީ ދިގުކޮށް އޮންނަ އަތޮޅަކަށްވެފައި އެކި ޞަރަޙައްދުތަކުގައި ބާބަކިއު ޕޮއިންޓުތައް ޤާއިމް ކުރުމުގެ ބޭނުމަކީ، ދުރުތަންތަނަށް ދަތުރުކުރަން ނުޖެހި ރައްޔިތުން ހިތްހަމަޖައްސާލައި، އިޖްތިމާޢީ ރޫޙު ދިރޭގޮތަށް ހުސްވަގުތުގެ ބޭނުން ހިފޭނެ މަގުފަހިކޮށްދިނުންކަމަށެވެ.

ކައުންސިލުން ރައްޔިތުންނަށް ބާއްވާ ބައްދަލުވުންތަކުގައި ބާބަކިއު އޭރިއާ ޤާއިމްކުރުމަށް ޒުވާނުންގެ ފަރާތުން ޚިޔާލު ހުށަހަޅަމުންއަންނަކަމަށް ވިދާޅުވެ ޑެޕިއުޓީ މޭޔަރ ޔަސްރިފް ވިދާޅުވީ، ހުސްކޮށް އޮންނަ ޞަރަޙައްދުތައް ބާބަކިއު ޕޮއިންޓުތަކުގެ ގޮތުގައި ތަރައްޤީކުރުމުގެ ސަބަބުން އިޖްތިމާޢީ އެކި ޙަރަކާތްތަކުގައާއި، ރަށުތެރެ ސާފުކޮށް ބަލަހައްޓުމާއި، ތިމާވެށި ޙިމާތަތްކުރުމުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާވެގެންދާނެކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން ބާބަކިއު ސްޓޭންޑު ބެހެއްޓުމުގެ އިތުރުން ބައެއް ޞަރަޙައްދުތަކުގައި ހަޓު ހަދައި، މަޑުކޮށްލައިގެން ތިބެވޭނެހެން ބެންޗު ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ ކުރިން ހިތަދޫގައި ތަރައްޤީކޮށްފައިވާ މާކިޅި ފިނިމައިޒާނުގައިވެސް ބާބަކިއު ހެދޭނެގޮތް ހެދުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް ތިންލައްކަ އާއި ފަސްލައްކައާއި ދެމެދުގެ ޢަދަދަކަށް ފައިސާ ޚަރަދުވާނެކަމަށް ކައުންސިލުން ލަފާކުރެއެވެ.

 އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2017 ޑިސެމްބަރ 11 ވާ ހޯމަދުވަހުގެ 11:00 އަށް ކައުންސިލްއިދާރާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޑިސެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ އިޢުލާންކޮށްފައެވެ.