ތަރައްްޤީ

މަޖީދީމަގު މަރާމާތުކުރުމުގެ މަޝްރޫޢު ނިމިއްޖެ


މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ޒަމާނީ ފެންވަރަށް މަގުތަކުގެ އާބާތުރަ ފިލުވުމަށްޓަކައި ހައުސިންގ މިނިސްޓްރީން ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން މަޖީދީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމައި ބޭނުންކުރަން ފަށާފައެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށްގެންގޮސްފައި ވަނީ 9 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިމަޝްރޫޢު ފަށާފައިވަނީ ފާއިތުވި އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އަދި މަޝްރޫ ފުރިހަމަކޮށް ނިންމާލާފައިވަނީ 14 މަސްދުވަހުގެ ތެރޭގައެވެ.

ހައުސިންގ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދު ޝާފީ ވިދާޅުވީ މަޖީދީމަގުގެ އާރޓިފިޝަލް ބީޗާ ދިމާލުން ހެދުމަށް ބަންދުކުރި ސަރަޙައްދު އާދީއްތަ ދުވަހު އާންމުންނަށް ހުޅުވާލާނެކަމަށެވެ.

މަޖީދީމަގު ހެދުމަށް ކުރި މަސައްކަތުގެ ތެރެއިން މަގުގެ އަޑިން ފެންހިންދާ ނިޒާމާއި، ކަރަންޓާއި ފެން ފޯރުކޮށްދޭ ހޮޅިތައް ރަނގަޅު ފެންވަރަކަށް އަޕްގްރޭޑް ކޮށްފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. މި މަޝްރޫޢުގެ ދަށުން ޑްރެއިނޭޖް ސިސްޓަމްތައް ހަރުކޮށް، ކުރިން ހުރި ކާނުތަކުގެ ސައިޒް ވަނީ ދެގުނައަށް ބޮޑުކޮށްފައެވެ. މީގެއިތުރުން ދުވާރާއި، މަގުތަކުގައި އަތުރާފައިވާ ގާތައް އާކޮށް، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭގޮތަށް ދުވާރުތައްވެސް ވަނީ ބަދަލުކޮށްފައެވެ.

މަޖީދީ މަގުގެ އިތުރުން މާލޭގެ 13 މަގެއް ރަނގަޅު ފެންވަރަކަށް ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ބޮޑުތަކުރުފާނު މަގު ހިމެނޭއިރު އެ މަގުގައި ތާރު އެޅުމަށް ހައުސިން މިނިސްޓްރީން ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމީ، ބައެއް މަގުތައް ވަރަށް ބޮޑަށް ހަލާކުވެ، ދުއްވާ އެއްޗިއްސަށާއި މީހުންނަށްވެސް އެކަމުގެ ދަތިތައް ފޯރަމުންދާތީއެވެ.