ކުޅިވަރު

މާޒިޔާ ދޫކޮށް އުމެއިރު އެނބުރި ނިއުއަށް!


މާޒިޔާ ދޫކޮށް މުޙައްމަދު އުމެއިރު އޭނާގެ ކުރީގެ ކުލަބު ނިއުރޭޑިއަންޓަށް ބަދަލުވެއްޖެއެވެ. 

2015ވަނަ އަހަރު ނިއުރޭޑިއަންޓު ދޫކޮށް މާޒިޔާއަށް ބަދަލްވި އުމެއިރު މިއަދު ނިއުރޭޑިއަންޓަށް ސޮއިކުރިއިރު، އޭނާއަކީ މިދިޔަ ތިން ސީޒަންގައިވެސް މާޒިޔާގެ ޖާރޒީގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އެގޮތުން މާޒިޔާއާއިއެކު އުމެއިރުވަނީ ލީގާއި، ޤައުމީ މުބާރާތުގެ ތަށިވެސް އުފުލާލާފައެވެ.

2013 ވަނަ އަހަރު ސީޒަންގެ ހުރިހާ މުބާރާތެއް ނިއުއިން ކާމިޔާބުކުރިއިރު، އުމެއިރަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އަދި 2013ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކުއާޓާރ ފައިނަލުން ޖާގަ ހޯދި ނިއުރޭޑިއަންޓް ޓީމުގައިވެސް އުމެއިރު މުޙިންމު ދައުރެއް އަދާކުރިއެވެ. 

އުމެއިރަކީ އަންނަ އަހަރުގެ ސީޒަނަށް ނިއުއަށް ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. އެހެންނަމަވެސް އެޓީމުންވަނީ މި ސީޒަންގައި އެކުލަބަށް ގުޅުނު ގިނަ ކުޅުންތެރިންތަކެއްގެ ކޮންޓްރެކްޓް އައުކޮށްފައެވެ. އޭގެ ތެރޭގައި ދެ ކީޕަރުންކަމަށްވާ އިމްރާން މުޙައްމަދާއި މުޙައްމަދު ފައިސަލް، އަކްރަމް އަބްދުލްގަނީ، އަހުމަދު އަބްދުﷲ، ހަސަން އަދުހަމް އަދި ރިލްވާން ވަހީދުގެ އިތުރުން ބިދޭސީ މިޑްފިލްޑަރ ކަންޑޭލާ ފާހަގަކޮށްލެވެއެވެ.