ޚަބަރު

ރަސްމީ ދަތުރުފުޅަށްފަހު މެލޭޝިޔާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދަޢުވަތަކަށް، މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤާއި، އެމަނިކުފާނުގެ އަނބިކަނބަލުން ދާތިން ޕަދުކާ ސެރީ ރޮސްމާހް މަންސޫރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ފުރާވަޑައިގެންފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމާއި، ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުގެ ދެކަނބަލުންނެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާ ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. މި ވާހަކަފުޅުތަކުގައި، އެކި ދާއިރާތަކުން ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭ ގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ފެންވަރުގައި ދެޤައުމުގެ ޝައުޤުވެރިކަން ހުރި މައްސަލަތަކާބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެއިތުރުން ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ސަލާމަތީ ދާއިރާގެ އިތުރުން ދެޤައުމުގެ ދެމެދުގައިވާ ޘަޤާފީ ގުޅުމުގެ ދާއިރާގެ އެއްބަސްވުންތައް ހިމެނެއެވެ.