ޚަބަރު

ގުޅުމަށް ބުރުއަރާ ކޮންޓެންޓް ޝާޢިޢުނުކުރާން އެދިއްޖެ


ދިވެހިރާއްޖެއާއި ގުޅުން ޤާއިމްކޮށްފައިވާ ޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ހީނަރުވާފަދަ ކޮންޓެންޓް ޝާއިޢުނުކުރުމަށާއި އެފަދަ އެއްވެސް ޢަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް މީޑިޔާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އެމްއެމްސީއިން މިކަމަށް އިލްތިމާސްކުރީ އަވަަށްޓެރި ބައެއް ޤައުމުތަކާއި ރާއްޖެއާއި އޮންނަ ގުޅުމަށް ބުރުއަރާ ގޮތަށް މީޑިޔާގެ ބައެއް ވަސީލަތްތަކުން މަޢުލޫމާތު ފަތުރާފައިވާ ކަމަށްބުނެ ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުންދާ މައްސަލައާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރިފައިވާ މި ބަޔާނުގަ ވަނީ ރާއްޖެއާއި ގުޅުން ޤާއިމްކޮށްފައިވާ ބައެއް ޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ހީނަރުވެގެން ހިނގައިދާނެފަދަ ކޮންޓެންޓްތައް އޮންލައިން މީޑިއާ އަކުން ޝާއިޢުކުރަމުންދާކަމުގެ ޝަކުވާތައް އެ ކައުންސިލަށް ލިބެމުންދާކަމަށެވެ. މި މައްސަލައާއި މިފަދަ އެހެނިހެން މައްސަލަތައް ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެ ކައުންސިލުން ބަލަމުންދާކަމަށްވެސް އެމްއެމްސީއިން ބުނެއެވެ.

މީގެ އިތުރުން އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަތާވީސްވަނަ މާއްދާގައި އެ ކައުންސިލަށް ލިބިގެންވާ ބާރުބަޔާންކޮށްފައިވާއިރު، އެ ޤާނޫނުގެ ހަވަނަ މާއްދާގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ޙާލަތްތައްވެސް ބަޔާންކޮށްފައިވާކަމަށް އެމްއެމްސީގެ ބަޔާނުގައެވެ. އަދި ޤައުމީ ސަލާމަތަށް ނުރައްކާވާނެފަދަ ޚިޔާލުތައް މީޑިޔާގައި ހާމަކުރުމާއި ގުޅިގެން ލިބިދާނެ ގެއްލުމަކުން މީޑިޔާއާއި ރިޕޯޓަރުން ސަލާމަތްކުރުމަށްޓަކާ ހޭލުންތެރިކުރުވުމަކީ އެކައުންސިލްގެ ޒިންމާއެއްކަމަށާއި، މިފަދަ ކަންކަމާއިމެދު ފަރުވާތެރިވެ ޤާނޫނުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާ ޙާލަތްތަކުގެ ތެރެއަށް މީޑިޔާތަކުން ނުވަނުމަށް މި ބަޔާނުގައި މީޑިޔާތަކަށް ގޮވާލާފައިވެއެވެ.