ޚަބަރު

ޖެނުއަރީ 1 އިން ފެށިގެން ކުރީގެ ފަސް ރުފިޔާ ބާޠިލް


ދިވެހިރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ރުފިޔާގެ ތެރެއިން، 2017 ވަނަ އަހަރުގެ މޭމަހުގެ 10 ވަނަ ދުވަހުގެ ކުރިން ނެރެފައިވާ 5 (ފަހެއް) ރުފިޔާގެ ކަރުދާހު ނޫޓުތަކަކީ، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވާ ހޯމަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައަޅުއްވައިފިއެވެ. މިގޮތަށް ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

އަދި، މި ނޫޓުތައް، ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރަކަށް ބަދަލުކުރުމަށްޓަކައި، 2021 ވަނަ އަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ހުށަހަޅާ ފަރާތްތަކަށް، ހުށަހަޅާ ނޫޓުގެ ނުވަތަ ނޫޓުތަކުގެ ސިއްކައިގެ އަގު، އެ އޮތޯރިޓީން ލިބިދޭގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.