ޚަބަރު

2 ޒުވާނުންގެ މަރާ ގުޅިގެން 5 މީހެއްގެ މައްޗަށް ދައުވާކޮށްފި


މިދޔަ ސެޕްޓެމްބަރ މަހުގެ 29 ވަނަދުވަހުގެ ރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ މަރާ ގުޅިގެން 5 މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.

ޕިޖީ އޮފީހުން ބުނީ މި ދެ ޒުވާނުންގެ މަރާއި ގުޅިގެން ދައުވާކޮށްފައިވަނީ އަޙްމަދު އަމާނާއި ޙަސަން ޒިދާނާއި އާދަމް ޝާހީނާއި މަރިޔަމް މައިޝާގެ އިތުރުން މަރިޔަމް އަފާގެ މައްޗަށެވެ. މި އެންމެންނަކީވެސް މަރުވި ދެ ޒުވާނުން ގާތް ރަހުމަތްތެރިންނެވެ. މި އެންމެންގެ މައްޗަށްވެސް އުފުލާފައިވަނީ އެހީއަށް ބޭނުންވާ މީހުންނަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާއެވެ.

މި ކުށް ސާބިތުވެއްޖެނަމަ 1 އަހަރާއި ހަމަސްދުވަހުގެ ޖަލު ހުކުމެއް މި 5 ޒުވާނުންގެ މައްޗަށް އަންނާނެއެވެ.

މި މައްސަލާގައި ދައުވާކުރި ފަސްމީހުންގެ ތެރެއިން ޙަސަން ޒިދާންގެ މައްޗަށް އިތުރު ދައުވާއެއްވެސް ދައުލަތުން ވަނީ އުފުލާފައެވެ. އެނާގެ މައްޗަށް އުފުލާފައިވާ އަނެއް ދައުވާއަކީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ ސެޕްޓެމްބަރ މަހުގެ 29 ވަނަދުވަހު ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވެފައިވާ ދެ ޒުވާނުންނަކީ އުމުރުން 21 އަހަރުގެ އަޙްމަދު ހާމީންއާއި އުމުރުން 18 އަހަރުގެ ފާތިމަތު ސަމާއެވެ. ޕާޓީއެއް ބާއްވަން ތައްޔާރުވަމުން ދިޔަ މި ދެ ޒުވާނުން ކުއްލި ގޮތަކަށް މަރުވެފައިވަނީ ޕާޓީ ޑްރަގްސް ބޭނުންކުރުމުގެ ސަބަބުންކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހުން ޕާޓީއަށް ތައްޔާރުވަމުންދިޔަ ސަރަހައްދުން ޕާޓީ ޑްރަގްސް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން، މި  ޒުވާނުން ޕާޓީއަށް ތައްޔާރުވުމަށް ކުއްޔަށް ހިފި ގެސްޓްހައުސްގެ ކޮޓަރި، ކޯޓް އަމުރެއްގެ ދަށުން ފުލުހުން ވަނީ ބަލާފާސްކޮށްފައެވެ. 

މި ދެ ޒުވާނުންގެ މަރާއި ގުޅިގެން 12 ތުހުމަތެއްގައި 4 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެހެންނަމަވެސް ތަހުޤީޤް ނިންމުމަފަހު މި އެންމެންވެސް ވަނީ ދޫކޮށްލާފައެވެ.