ޚަބަރު

އެޑިއުކޭޝަން މިނިސްޓަރ ސްކޫލްތަކަށް ޒިޔާރާތް ކުރައްވައިފި


ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމް ބައެއް ސްކޫލްތަކަށް ޒިޔާރާތްކުރައްވާ ދަރިވަރުންނާއި މުދައްރިސުންނާއި ބައްދަލުވުކުރައްވައިފިއެވެ. 

ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން  މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމް ދަރިވަރުންނާއި މުދައްރިސުންނާއި ބައްދަލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން މިއަދު ވަނީ މާލޭގެ ތިން ސްކޫލަކަށް ވަޑައިގެން ދަރިވަރުންނާއި މުދައްރިސުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ފުރަތަމަ ވަޑައިގެންނެވީ ކަލާފާނު ސްކޫލަށެވެ. އެސްކޫލަށް ވަޑައިގެން ކަލާފާނުގެ ސްކޫލްގެ ހެނދުނު ދަންފަޅީގެ ދަރިވަރުންނާޢި މުދައްރިސުންނާއި ބައްދަލުކުރައްވާ ދިރާސީ އާއަހަރުގެ ތަހުނިޔާ އަރިސްކުރެއްވިއެވެ. އެއަށްފަހު ދެން މިނިސްޓަރ ވަޑައިގެންނެވީ ދަރުމަވަންތަ ސްކޫލަށާއި ހިރިޔާ ސްކޫލަށެވެ. އެޑިއުކޭޝަން މިނިސްޓަރ ވަނީ ދަރުމަވަންތަ ސްކޫލަށާއި ހިރިޔާ ސްކޫލްގެ ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މި ދެ ސްކޫލްގެ މުދައްރިސުންނާއި ބައްދަލުކުރައްވާ ކިޔަވައިދިނުން ކުރިއަށްދާގޮތް ބައްލަވާލައްވާ ސްކޫލްތަކު ޙާލަތު ބައްލަވާލައްވާފައެވެ.



ދިރާސީ އާ އަހަރު ފެށުމާއި ގުޅިގެން ސްކޫލްތަކަށް ޒިޔާރާތް ކުރެއްވުމަށްފަހު އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވީ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ ފުރިހަމަ ތައްޔާރިތާކައެކު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ތަޢުލީމީ ދާއިރާއަކީ ތަރައްޤީއަށް މުހިއްމު ދާއިރާއެއް ކަމަށާއި ތަޢުލިމީ ދާއިރާ ހަރުދަނާ ކުރުމަށް ސްކޫލްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތަކީ ތަރައްޤީގެ މުހިއްމު މަސައްކަތެއް ކަމަށެވެ.

"މިއަހަރުގެ ދިރާސީ އަހަރު ފެށިގެންދާއިރު އަޅުގަނޑުމެން އެންމެ ހިތްހަމަޖެހެނީ ސްކޫލްތައް ޑިޖިޓަލް ވެގެންދިޔުން. އެންމެ ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ޚާއްޞަ އެހީތެރިކަން ބޭނުންވާ ކުދިންނަށް އިތުރު ޚިދުމަތްތަކެއް ލިބިގެންދާނެ. ކުދި އާބާދީ ހުންނަ ސްކޫލްތަކަށް ބޭނުންވާގޮތަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ވަރޗުއަލް ކޮށް ކިޔަވައިދިނުންވެސް މިއަހަރު ކުރިއަށްގެންދާނެ" އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް ވިދާޅުވިއެވެ.



ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށާފައިވާއިރު، ދަރިވަރުންނަށާއި މުދައްރިސުންނަށްޓަކާއި ސްކޫލްތައް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް ތައްޔާރުވެފައެވެ. އަދި ދިރާސީ އާ އަހަރަށް މަރުޚަބާ ކިޔުމުގެ ކަންކަންވެސް ސްކޫލްތަކުގަ ކުރިއަށް ގެންދިޔައެވެ.