ޚަބަރު

ދީނީ ގޮތުން ޚިޔާލު ތަފާތު ތިން މައްސަލައެއްގައި މަޝްވަރާކޮށްފި


ދިވެހިންގެ މެދުގައި ދީނީ ގޮތުން ޚިޔާލު ތަފާތު ތިން މައްސަލައަކާއި މެދު މަޝްވަރާކޮށް ހޭލުންތެރިކުރުމަށް ޚާއްސަ ފޯރަމެއް ބާއްވައިފިއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ދެ ގަޑިރިއަށް ކުރިޔަށް ގެންދިޔަ މި ފޯރަމްގައި މަޝްވަރާކޮށްފައިވަނީ އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައި އަޑުހަރުކޮށް ބިސްމި ކިޔުމާއި ދެ ތަނބު ދޭތެރޭގައި ސަފުހެދުމާއި މިސްކިތުގައި ނަމާދުކުރުމުގައި ސުތުރާ ބެހެއްޓުމާއިގުޅޭ ގޮތުންނެވެ. މިމަޝްވަރާތަކުގައި ޢިލްމުވެރިން މިމައުޞޫއުތަކަށް މީގެ ކުރިން ދައްކަވާފަހުރި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ޕްރެޒެންޓޭޝަންތައް ހުށައަޅާފައިވެއެވެ.

ފޯރަމާއި ގުޅޭގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނައިބު ރައިސް އިބްރާޙިމް އަޙްމަދު ވިދާޅުވީ މި ކަންތައްތަކަކީ މީހުންގެ މެދުގައި އެކަންތައްތައް އޮންނަ ގޮތް ރަގަޅަށް ނޭންގުމުގެ ސަބަބުން  ބައެއް ކަހަލަ ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ މައްސަލަތައްކަމަށެވެ. އަދި މިކަންކަމާއި ގުޅޭގޮތުން ދީނުގައި އޮތް އެންމެ ރަގަޅު ސައްޚަ ގޮތް ބަލާ މުޖުތަމަޢުގެ މަސްލަހަތާ ގުޅުވައިގެން އެކަންކަން ކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މި ފޯރަމްގައި ޚިޔާލުފާޅުކޮށްފައިވާކަމަށް އިބްރާހިމް އަހުމަދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މިފަދަ ފޯރަމްތައް ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެއެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދިޔަ މި ފޯރަމްގައި މިސްކިތްތަކުގެ އިމާމުންނާއި އިސްލާމިކް މިނިސްޓްރީގައި މަސައްކަތްކުރައްވާ ވާއިޒުން ބައިވެރިވިއެވެ.