ޚަބަރު

ލޭބަރ ރިލޭޝަނުން، ކުންފުނިތަކަށް ބައްދަލުވުންތަކެއް ބާއްވަނީ


ބޮޑެތި ކުންފުނިތަކުގެ އިސް ވެރިންނާއެކު ޤާނޫނަށް ހޭލުންތެރިކުރުވުމުގެ ގޮތުން މަޝްވަރާ ބައްދަލުކުރުންތަކެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނެފިއެވެ. 

މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ މި ބައްދަލުވުންތަކުގައި ވަޒީފާއާބެހޭ ޤާނޫނުގައި ހުރި މުހިންމު ކަންތައްތައް އެފަރާތްތަކަށް އަންގައިދިނުމަށް ޚާއްސަ ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާކަމަށް އެ އޮތޯރީޓިން ބުނެއެވެ. 

ހެޑް އޮފް ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ މި ދިޔަ އަހަރު އެ އޮތޯރިޓީން 290 ތަނެއް އިންސްޕެކްޓްކޮށް ބެލިއިރު އޭގެތެރެއިން %65 ތަންތަނަކީ ވަޒީފާގެ ބަޔާން ޙަވާލުނުކޮށް މީހުން ލައްވާ މަސައްކަތްތައް ކުރަމުންދާ ތަންތަންކަމަށެވެ. އަދި ވަޒީފާއާބެހޭ ޤާނޫނަށް ގިނަބަޔަކު އަހުލުވެރިނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

ޤާނޫނާ ޚިލާފަށް މިފަދަ ފަރާތްތަކުން ޢަމަލުކުރަމުންދަނީ ޤާނޫނުގައި އެކަން ބަޔާންކޮށްފައި ވާކަން ނޭނގޭތީކަމަށް އެފަދަ ފަރާތްތަކުން ބުނާކަމަށްވެސް ނާފިޒް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީފާދޭ ފަރާތްތައް ހޭލުންތެރިކުރުވުމަށް މިއަހަރު ހޭލުންތެރިކުރުމުގެ ތަފާތު ކަންތައްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.

މިގޮތުން މީގެ ކުރިން އެ އޮތޯރިޓީން  އިންސްޕެކްޓްކޮށްފައިވާ ތަންތަނުގެ ވަޒީފާގެ ޙާލަތު މިހާރުހުރީ ކިހިނެއްތޯ އަލުން ދިރާސާކުރުމާއި، ރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނަށް ޢާންމުންނާއި ބިދޭސީން ހޭލުންތެރިކުރުވުމަށްޓަކައި ހޭލުންތެރިކުރުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ކަނޑައަޅާފައެވެ. 

މިގޮތުން އެކިއެކި ރަށްރަށަށްގޮސް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ފޯރަމްތައް ހިންގުމާއި، ސޯޝަލް މީޑިޔާގެ ބޭނުންކޮށްގެ ތަފާތު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނޭކަމަށް ވެސް ހެޑް އޮފް ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަބްދުއްރަޝީދު ނާފިޒް ވިދާޅުވިއެވެ. 

ލޭބާރ ރިލޭޝަން އޮތޯރިޓީން ބުނީ ޤާނޫނާ ޚިލާފަށް ކުރާ މިފަދަ ކަންކަން ހުއްޓުވޭނީ ވަޒީފާއަށް ނުކުންނަ ފަރާތަކުން އެކަމަށް ސަމާލުކަންދީގެންކަމަށެވެ. އަދި ޤާނޫނާއި ހިލާފަށް ވަޒީފާދޭ ފަރާތްތަކުން ކުރާ ކަންކަމުގެ ޝަކުވާތައް ހުށައެޅުމަށްވެސް ލޭބަރ ރިލޭޝަން އޮތޯރިޓީން އިލްތިމާސްކުރެއެވެ.