ޚަބަރު

ރާއްޖެއާއި ސައުދީގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވައިފި.


މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ.މުޙައްމަދު ޢާސިމް ސައުދީޢަރަބިއްޔާގެ ފޮރިން މިނިސްޓަރ ޑރ ޖުބައިރާ ބައްދަލުކުރައްވައިފިއެވެ.

ދެބޭފުޅުންގެ ބައްދަލުވުން ކުރިޔަށް ދިޔައީ ސައުދީޢަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީގެ މައި އިދާރާގައެވެ. މިބައްދަލްވުމުގައި ފޮރިން މިނިސްޓަރ އާސިމްވަނީ ބައިނަލް އަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއިން އަބަދުވެސް ސައުދީއަށް ތާއީދުކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ސައުދީން އަދާކުރަމުންދާ މުހިންމު ރޯލް ފާހަގަކުރައްވާ މިނިސްޓަރވަނީ ސައުދީ ސަރުކާރަށް ޝުކުރުދަންނަވާފައެވެ. މިބައްދަލުވުމުގައި ސައުދީ ފޮރިން މިނިސްޓަރ ވަނީ ސައުދީ ރަސްކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ދެމުންދާ އެއްބާރުލުން ފާހަގަކުރައްވާ ދިވެހި ސަރުކާރަށް ޝުކުރުދަންނަވާފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް އަބަދުވެސް އެދޭނެކަމަށް ސައުދީ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.  

މިބައްދަލުވުމުގައި ފޮރިން މިނިސްޓަރުގެ އިތުރުން ދިވެހި ވަފްފުގައި ހިމެނިވަޑައިގަންނަވާ ރާއްޖެއިން ސައުދީއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުﷲ ހަމީދާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ ޖާވިދް ފައިސަލާއި ޑިރެކްޓަރ ޝަހިއްޔާ އަލި މަނިކު ބައިވެރިވަޑައިގެންނެވިއެވެ.