ހިތަދޫ ދަނޑުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ލައިޓިންގ ސިސްޓަމްގެ އަމަލީ މަސައްކަތް ކުރިއަށްއޮތް ހަފްތާގެ ތެރޭގައި ފެށޭވަރުވާނެކަމަށް ޔޫތު މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މިމަހުގެ ނަވާރަވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖްކަޕްގެ ގްރޫޕް ބީގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގެ ލައިޓިން މަސައްކަތާ ބެހޭގޮތުން ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ މިއަދުގެ ވަގުތެއްގައި ލަންކާއިން ގެންނަ ލައިޓް ސިސްޓަމް މާލެ ގެންނާނެކަމަށެވެ. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެލައިޓް ސިސްޓަމް ހަރުކުރާ ލަންކާގެ އެކްސްޕާޓުން މާލެއައުމަށް ހަމަޖެހިފައިވާކަމަށްވެސް އައްޑޫގައި ހުންނަވައި ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއީ ވަގުތީ ލައިޓިން ސިސްޓަމެއްކަމަށާ އެހެންނަމަވެސް މިސިސްޓަމަކީ އޭއެފްސީ ގަބޫލްކުރާ ފެންވަރުގެ ލައިޓިން ސިސްޓަމެއް ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ އައްޑޫ ދަނޑުގައި ހަރުކުރުމަށް ހަމެހިފައިވާ ވަގުތީ ލައިޓިން ސިސްޓަމާ މެދު ހިތްހަމަޖެހޭކަމަށާ އައްޑޫ ދަނޑުގެ މަސައްކަތް ދާގޮތާ މެދުވެސް ހިތްހަމަޖެހޭކަމަށެވެ.