ސްވިޒަރލޭންޑްގެ ޒިއުރިކްގައި ކުރިއަށްދާ ފެސްޕޯ ފެއާގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ކޯރޕަރޭޝަން،އެމްއެމްޕީއާރުސީ އާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 12 ކުންފުންޏަކުން ބައިވެރިވެއްޖެއެވެ.
އެމްއެމްޕީއާރުސީ އިން މަޢުލޫމާތުދޭ ގޮތުގައި ރާއްޖޭގެ ބާރަ ކުންފުންޏަކުން ނަވާރަ މެންބަރުން ހިމެނޭ ވަފްދެއް މި ފެއަރގައި ބައިވެރިވެފައިވެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ރިސޯޓްތަކާއި، ޓްރެވަލް އެޖެންޓުންގެ އިތުރުން ލިވްއަބޯޓްގެ ފަރާތްތަކުން މިފެއަރގައި ބައިވެރިވެފައިވާކަމަށް އެމްއެންޕީއާރުސީންބުނެއެވެ.
ރާއްޖެއިން މި ފެއަރގައި ބައިވެރިވެފައިވާ ވަފްދުގެ އެންމެ އިސްކޮށް ހުންނެވީ ޖެނިވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ހާލާ ޙަމީދާއި ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް ހުސައިން ޟިރާރެވެ.
ސްވިޒަރލޭންޑްގެ ގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއަރތަކުގެ ތެރޭގައި ހިމެނޭ މި ފެއަރ މެދުވެރިކޮށް ސްވިޒަރލޭންޑާއި ޖަރުމަން ބަހުން ވާހަކަދައްކާ ޤައުމްތަކުގެ ރައްޔިތުންނަށް ރާއްޖެއާބެހޭ މަޢުލޫމާތު ޙިއްސާކުރާނެކަމަށް އެމްއެމްޕީއާރުސީއިން ހާމަކުރެވެ.
ރާއްޖެއަށް އެއްމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމްތަކުގެ ތެރޭގައި ސްވިޒަރލޭންޑު ހިމެނެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ %3.1 އަކީ ސްވިޒަރލޭންޑުގެ ފަތުރުވެރިންނެވެ.