ތަރައްްޤީ

އައްޑޫ ޓަރޝަރީ ހޮސްޕިޓަލް މުއްދަތުގެ ކުރިން ނިންމާލަނީ


އައްޑޫސިޓީގައި ތަރައްޤީ ކުރަމުންދާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް ޝެޑިއުލްއަށް ވުރެން އެއްމަސް ދުވަސް ކުރިން ނިމޭނެކަމަށް މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާ ސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.

17 ވަނަ ސާކް ސަމިޓަށް ތައްޔާރު ކުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު 100 އެދުގެ ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާއިރު، މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ޒިޔާދު މިއަދު އެސެންޓަރަށް ޒިޔާރަތްކުރެއްވިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ޒިޔާދު ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި، ހޮސްޕިޓަލް ނިންމަން ސަރުކާރުން ކަނޑައަޅާފައިވާ ތާރީޚަށް ވުރެ ކުރިން މަސައްކަތް ނިންމާލެވޭނެކަމަށް ލަފާކުރެއްވޭކަމަށެވެ. މިގޮތުން ހޮސްޕިޓަލްގެ ހުރިހާ ކޮޓަރިތަކުގެ ފެބްރިކޭޝަން މަސައްކަތުގެ  މަސައްކަތް ޒިޔާދު ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގައި 100 އެދުގެ ހޮސްޕިޓަލެއް ޤާއިމް ކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މި މަޝްރޫޢަށް ގާތްގަނޑަކަށް 161 މިލިއަން ރުފިޔާ ޚަރަދުވާއިރު، އެކަމަށް ބޭނުންވާ ފައިސާ ސަޢޫދީ ފަންޑުންނާއި، އޯޕެކް ފަންޑު މެދުވެރިކޮށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން ކޮންވެންޝަން ސެންޓަރު ހުރި ޢިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމާނީ ވަސީލަތްތަކާއެކު ޓަރޝަރީ ފެންވަރުގެ ޚިދުމަތްދޭ ހޮސްޕިޓަލަކަށް އެތަން ބަދަލުކުރާނެއެވެ. މިއާއެކު ދެކުނު ސަރަޙައްދުގެ ސިއްޙީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ރައްޔިތުން ސިއްޙީ ޚިދުމަތަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަވެގެންދާނެކަމަށް ސަރުކާރުންބުނެއެވެ.  އަދި 2018 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާ، ހޮސްޕިޓަލް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.