ޚަބަރު

ޤާނޫނީ ސަރުކާރު ޙިމާޔަތްކުރުމުގައި މިތިބީ ސާބިތުވެ - ސިފައިން


ރައްޔިތުންގެ ރައްކާތެރިކަމާއި ޤާނޫނީ ސަރުކާރު ޙިމާޔަތްކުރުމުގައި ސާބިތުކަމާއެކު ސަލާމަތީ ބާރުތައް ދެމި އޮންނާނެކަމުގެ ޔަޤީންކަން ދޭކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ. 

އެމްއެންޑީއެފުން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހަމަހިމޭންކަން ނަގާލުމަށް ބައެއް ފަރާތްތަކުން ވެރިރަށް މާލެއާއި ރާއްޖޭގެ ބައެއް ރަށްތަކުގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާމެދު ނަފުރަތުކަން އުފައްދައި ޙަޤީގަތާޚިލާފު ދޮގު ވާހަކަތައް ފަތުރަމުންދާކަަމަށެވެ. އަދި ރާއްޖޭގެ މަސްލަޙަތު ނަގާލުމަށް ފާޅުގައި ހިތްވަރުދީ އިޖުތިމާޢީ ހަމަޖެހުމަށް ބުރޫ އަރާގޮތަށް އެއްވުންތައް ބާއްވައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ފާޅުގައި ނުރައްކާކުރުމަށް ސޯޝަލް މީޑިއާގައި، ހިންގަމުންދާ ތަފާތު ހަރަކާތްތައް ހުއްޓުވުމަށް ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތްކުރަމުންދާކަމަށެވެ. 

ޤާނޫނު އަސާސީން ރައްޔިތުންނަށް ދޭންޖެހޭ އަމަން އަމާންކަމާ ރައްކާތެރިކަން ދިނުމުގައި ސަލާމަތީ ބާރުތަކުން ސާބިތުކަމާއި ބަދަހި ކަމާއެކު ދެމިއޮތްކަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމާއި ޤާނޫނީ ސަރުކާރު ޙިމާޔަތްކުރުމުގައި ޤާނޫނު އަސާސީން ސަލާމަތީ ބާރުތަކަށް ލާޒިމްކޮށްފައިވާ އެންމެހާ ކަންކަން ތަންފީޒުކުރުމުގައި ސާބިތުކަމާއެކު ސަލާމަތީ ބާރުތައް ދެމި އޮތްކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަޤީންކަން ދޭކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ރާއްޖެ ހަލަބޮލި ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގުމަށާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ކިޔަމަންތެރިކަން އަދާކުރުމާއި ރާއްޖޭގެ ހަމަހިމޭންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ރައްޔިތުންނަށް އިލްތިމާސްކުރާކަމަށްވެސް ޤައުމީ ދިފާއީ ބާރުގެ ބަޔާނުގައިވެއެވެ.