ޚަބަރު

ރާއްޖޭގެ ހާލަތު ބުނެދޭން ބައެއް ވަޒީރުން އެކި ޤައުމުތަކަށް


ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ރާއްޖޭގެ ބައެއް އެކުވެރި ޤައުމުތަކާއި ޙިއްޞާ ކުރެއްވުމުގެގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ މަންދޫބުންގެ ގޮތުގައި ސަރުކާރުގެ ބައެއް ވަޒީރުން އެ ޤައުމުތަކަށް ޒިޔާރަތްކުރައްވަން ފައްޓަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުންގެ ހައިސިއްޔަތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވަނީ މިރޭގެ ވަގުތެއްގައި ޗައިނާ ސަރުކާރާއި މަޢުލޫމާތު ޙިއްޞާކުރެއްވުމަށް އެޤައުމަށް ފުރާވަޑައިގެންފައެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމް ވަނީ މިރޭގެ ވަގުތެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީ ވަނީ މާދަމާގެ ވަގުތެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން  ބުނެއެވެ.