ޚަބަރު

ނާއިބު ރައީސް ޔޫއޭއީއަށް ފުރާވަޑައިގެންފި


ޔުނައިޓެޑް އެރެބް އެމިރޭޓްސް ގެ ސަރުކާރުގެ ދައުވަތަކަށް "ގްލޯބަލް ޑައިލޮގް ފޮރ ހެޕިނެސް އެންޑް ދަ ވޯރލްޑް ގަވަރމެންޓް ސަމިޓް" ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ފުރާ ވަޑައިގެންފިއެވެ.

މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގައެވެ.

ދަ ވޯރލްޑް ގަވަރމެންޓް ސަމިޓް 2018 އަކީ ދުނިޔޭގެ ސަރުކާރުތަކުގެ ކުރިމަގު ބައްޓަން ކުރުމަށް ޚާއްސަކޮށްގެން ބާއްވާ ބައިނަލްއަޤުވާމީ ފޯރަމެކެވެ. ކޮންމެ އަހަރަކު ވެސް މި ސަމިޓްގެ އެޖެންޑާގައި ކުރިއަށްއޮތް ޖީލުތަކުގެ ސަރުކާރުތަކަށް އާ އީޖާދުތަކާ ޓެކްނޮލޮޖީގެ އެހީގައި މުޅި އިންސާނިއްޔަތަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރޭވެނެ ގޮތްތައް ހިމެނެއެވެ.

މީގެއިތުރުން މި ސަމިޓްގައި ސަރުކާރުތަކުގެ މެދުގައި އާ އިޖާދުތަކާއި، ޓެކްނޮލޮޖީއާއި ބެހޭގޮތުން މަޢުލޫމާތު ބަދަލުކުރެވޭނެއެވެ. މި ސަމިޓްގައި ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި، ފަންނީ މާހިރުންނާއި، އިންސާނީ ތަރައްޤީއަށް މަސައްކަތްކުރައްވާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ސަމިޓް ކުރިއަށްދާނީ އެކި ބޭފުޅުންގެ ވާހަކަފުޅުތަކާއި، ޤައުމީ ފެންވަރުގެ ލީޑަރުންގެ މެދުގައި ބާއްވާ ޕެނަލް ޑިސްކަޝަންސްތަކާއި، ދުނިޔޭގެ އެކިކަންކޮޅުތަކުންގެ ބައިނަލްއަޤުވާމީ ފަންނީ މާހިރުން ހިމެނޭ ގޮތަށެވެ. ގާތްގަނޑަކަށް 140 ޤައުމަކުން 4000 ބައިވެރިން މިސަމިޓްގައި ބައިވެރިވާނެއެވެ.