ޚަބަރު

އެއްވުން ބާއްވަން ފުރުޞަތެއް ނުދޭނަން- ފުލުހުން


މާލެއާއި ރާއްޖޭގެ އެއްވެސް ހިސާބެއްގައި މާދާމާ އެއްވެ މުޒާހަރާކުރުމުގެ ފުރުޞަތު ނުދޭނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ. 

ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ މާދަމާ މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މީހުން އެއްކޮށް ހަމަނުޖެހުން ހިންގާ ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާކަމަށެވެ. އަދި ބައެއް ފަރާތްތަކުން ފާޅުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް މާދަމާ ރާއްޖޭގެ އެކި ސަރަޙައްދުގައި ހަމަނުޖެހުން ހިންގުމަށް  ގޮވާލަމުން ގެންދާކަމަށެވެ. ޝިފާން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނު އަސާސީގައި ލިބިދީފައިވާ ހަޅުތާކުރުމުގެ ހައްްޤާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްޤު ސަސްޕެންޑްކޮށްފައި އޮތްނަމަވެސް މިހާތަނަށް ފުލުހުން ދޫތަކެއް ދެމުން އައިނަމަވެސް މާދަމާ އެ ފުރުޞަތު ނުދޭނަކަމަށްވެސް ޝިފާން ވިދާޅުވިއެވެ.  

މާދަމާ ބާއްވަން ތައްޔާރުވަމުންދާ އެއްވުން ސުލްހަވެރިވާނެކަމަށް ބަލައިގަނެވެން ނެތްކަމަށް ފުލުހުން ތަރުޖަމާން އަޙްމަދު ޝިފާން ވިދާޅުވިއެވެ. އަދި މަދާމާގެ އެއްވުމުގައި ބައިވެރިވުމަށް އެއްވެސް ފަރާތަކުން ނުނިކުތުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަޙްމަދު ޝިފާން ވިދާޅުވީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ގެއްލުވާލާ ހަމަނުޖެހުން ހިންގުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރުވެސް ބައެއް ކަންކަން ކުރަމުން އަންނަކަމަށެވެ. އެގޮތުން އައްޑޫގެ ދެ ގެއެއްގައި ރޯކޮށްލުމާއި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޭ ފަތިހު ރޯކޮށްލައިފައިވާކަން ޝިފާން ވިދާޅުވިއެވެ. އައްޑޫގެ ދެގެއްއެއްގައި ރޯކޮށްލި މައްސަލައިގައި 6 މީހަކު ހައްޔަރުކޮށް މައްސަލަ ތަހުޤީޤުކުރަމުންދާކަމަށާއި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށީގައި ރޯކޮށްލި މައްސަލާގައި ދެ މިީހަކު ހައްޔަރުކޮށް މައްސަލަ ބަލަމުންދާކަމަށެވެ.