އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދިވެހިރާއްޖެއާ ފަލަސްތީން ދަތުރުކޮށްފިއެވެ.
ރާއްޖެއާ ފަލަސްތީން ސެމީފައިނަލަށް ދަތުރުކުރީ މިރޭ ގްރޫޕް އޭގައި މި ދެ ޓީމު ކުޅުނު މެޗް އެއްވަރުވެ ހަމަ އެގަޑީގައި އައްޑޫ ފުޓްބޯޅަ ދަނޑުގައި ކިރިގިސްތާނާ މިޔަންމާ ބައްދަލުކުރި މެޗް ކިރިގިސްތާނު ކާމިޔާބުކުރުމާ ގުޅިގެންނެވެ.
ރާއްޖެއާ ފަލަސްތީން ކުޅުނު މެޗް ލަނޑެއް ނުޖެހި އެއްވަރުވެފައިވާއިރު ކިރިގިސްތާނާ މިޔަންމާ ބައްދަލުކުރި މެޗް ކިރިގިސްތާން ކާމިޔާބުކުރީ އެއް ލަނޑު ސުން ލަނޑުންނެވެ.
މި ގްރޫޕްގެ އެއްވަނަ ފަލަސްތީނަށް ލިބެނީ ހަ ޕޮއިންޓާއެކުއެވެ. ދެވަނަ ހަތަރު ޕޮއިންޓާއެކު ދިވެހިރާއްޖެއަށް ލިބޭއިރު ތިންވަނާގައި މިޔަންމާ އަދި ހަތަރުވަނާގައި އޮތީ ކިރިގިސްތާނެވެ.
ގްރޫޕް ބީން ސެމީފައިނަލަށް ދާނެ ދެ ޓީމެއް އެނގޭނީ މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ކުޅޭ ތުރުކުމެނިސްތާނާ ފިލިޕީންސް ބައްދަލުކުރާ މެޗާއި، އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ އަފްގާނިސްތާނާއި ލާއޯސް ބައްދަލުކުރާ މެޗަށްފަހުއެވެ.