ވާލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކޮލަމްބިއާއިން މިއަދު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ފުރަތަމަ ފަހަރަށް ފަލްކާއޯ ބައިވެރިވެއްޖެއެވެ.
މިދިޔަ ޖެނުއަރީ މަހު ފްރާންސްގެ މޮނާކޯއަށް ކުޅެމުން ދަނިކޮށް ފަލްކާއޯއަށް އަނިޔާވެ އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އޮޕަރޭޝަން ކުރުމަށްފަހު ފުރަތަމަ ޓްރޭނިންގ އަކަށް ވެފައިވަނީ ކޮލަމްބިއާއިން މިހާރު އާރޖެންޓީނާގައި ކޭމްޕް ކޮށްގެން ކުރިއަށް ގެންދާ ޓްރޭނިންގއެވެ. މި ޓްރޭނިންގައި ބައިވެރިވުމާ ގުޅިގެން ޓީމުގެ ކުޅުންތެރިންނަށާ ކޯޗަށްވެސް ވަނީ އިތުރު ހިތްހަމަ ޖެހުމެއް ލިބިފައެވެ.
ކޮލަމްބިއާގެ ކޯޗް ބުނެފައިވަނީ ޓްރޭނިންގ ތަކުގައި ފަލްކާއޯ ބައިވެރިވުމަކީ ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާ އުއްމީދު ކުރަނީ ވާލްޑް ކަޕްގެ ކުރިން ޓީމުން ކުޅޭ ރަޙްމަތްތެރިކަމުގެ ދެ މެޗްގެ ތެރެއިން ކޮންމެވެސް އެއް މެޗެއްގައި ޓީމުގެ ކެޕްޓަނަށް ކުޅެވުންކަމަށެވެ.