ކުޅިވަރު

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޓީވީއެމް މެދުވެރިކޮށް ވޯލްޑްކަޕް ބެލޭނެ





 


ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޓީވީއެމް މެދުވެރިކޮށް މިފަހަރުވެސް ވޯލްޑްކަޕް ބެލޭނެ ކަމުގެ ޔަޤީންކަން އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރުމަނިކު ދެއްވައިފިއެވެ.


 
ވޯލްޑްކަޕްގެ ރައިޓްސް އެމްބީސީއަށް ލިބިފައިވާކަން ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުމަށް މިއަދު ޓީވީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރުމަނިކު ވިދާޅުވީ ޓީވީއެމުން ވޯލްޑްކަޕް ދައްކާނެކަން ޢިއުލާންކުރުން ލަސްވީ ޤާނޫނީގޮތުންނާއި ބްރޯޑްކާސްޓް ކުރުމަށް ހަދާފައިވާ އެނޫންވެސް ބައެއް ޤަވާއިދުތަކާ ފުށުއެރުމެއް އެކުލެވޭތީކަމަށެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެޓާނީޖެނެރަލްއާއި އެމްބީސީގެ ޤާނޫނީ ޓީމާ މަޝްވަރާ ކުރުމަށްފަހު ވޯލްޑްކަޕްގެ ރައިޓްސް ނެގުމަށް ނިންމެވީކަމަށެވެ.


 
 



ރާއްޖޭގެ އެހެން ބްރޯޑްކާސްޓަރުންނަށް އެމްބީސީގެ ސިގްނަލް ދޭނެތޯ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އެފުރުޞަތުވެސް އެމްބީސީއަށް އެބައޮތްކަމަށާއި ނަމަވެސް ހަމައެކަނި މައްސަލައަކީ ވޯލްޑްކަޕް ފެށުމަށް މިހާރު ކުޑަދުވަސްކޮޅަކަށް ވެފައި އޮތުން އެމްބީސީގެ ބަޖެޓުން މިކަމަށް ޚަރަދުކުރާ ފައިސާ ހޯދުމުގައި އެމްބީސީންވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި އޮތުންކަމަށެވެ. ވޯލްޑްކަޕްގެ ރައިޓްސް ގަތުމަށް ހަތަރުމިލިއަން ރުފިޔާ ބަޖެޓްކުރިނަމަވެސް ރައިޓްސް ގަނެފައިވަނީ އެއްލައްކަ ނުވަދިހަހާސް ޑޮލަރަށްކަމަށް ޗެއާމަން އިބްރާހިމް އުމަރުމަނިކު ވިދާޅުވިއެވެ.


 


ވޯލްޑްކަޕް ފެށުމުގެ ކުރިންނާއި ވޯލްޑްކަޕްގެ ތެރޭގައި ޓީވީއެމުން ޖުމްލަ އަށްޑިހަވަރަކަށް ޕްރޮގްރާމް ގެނެސްދިނުމަށް ހަމަޖެހިފައިވާކަމަށް ޓީވީއެމްގެ ސީއޯއޯ މުޙައްމަދު ސައީދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. ވޯލްޑްކަޕް ފަށާނީ މިމަހުގެ ބާރަވަނަ ދުވަހުއެވެ.